ގއ ވިލިނގިލީގައި ހުންނަ ބައެއް މުއައްސަސާތަކާ ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލުކުރައްވައިފި

21 އޮގަސްޓް 2016

ގއ އަދި ގދ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ގއ ވިލިނގިލީގައި ހުންނަ ބައެއް މުއައްސަސާތަކާ ޕްރޮސިކިއުޓަރ ޖެނެރަލް މިއަދު ބައްދަލުކުރައްވައިފިއެވެ. އެގޮތުން ވިލިނގިލި މެޖިސްޓްރޭޓް ކޯޓާއި، އަތޮޅު ކައުންސިލާއި، ރަށު ކައުންސިލާއި ފުލުހުންނާ ވަކިވަކިން ބައްދަލުކުރައްވާފައިވެއެވެ.

މިއަދު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުވުންތަކުގެ ތެރެއިން ވިލިނގިލި މެޖިސްޓްރޭޓް ކޯޓާއެކު ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި އިދާރީ ގޮތުން ދިމާވާ ބައެއް ދަތިތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ހިމެނެއެވެ.

އޭގެ އިތުރުން، އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި ކުށް މަދުކުރުމަށް އެ ކައުންސިލުތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އަދާކުރެވިދާނެ ދައުރާ ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.

ފުލުހުންނާއެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން ހުށަހަޅުއްވާ މައްސަލަތަކާ ގުޅޭގޮތުން ދިމާވާ ބައެއް ކަންކަމާމެދު ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. މީގެ ތެރޭގައި، ބައެއް ބާވަތުގެ މައްސަލަތައް ތަޙްޤީޤްކުރެއްވުމުގައި ހިފަހައްޓަންޖެހޭ އުޞޫލުތަކާ ގުޅޭގޮތުންނާއި މައްސަލަތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަލައިގަތުމުގައި ފާހަގަކުރެވިފައިވާ ކަންކަން ހައްލުކުރުމަށްވެސް މަޝްވަރާކޮށްފައިވެއެވެ. ގއ. ވިލިގިނލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރައްވާ އިންވެސްޓިގޭޝަން އޮފިސަރުންނަށް ޚާއްޞަ ސެޝަނެއް ނަގައިދިނުންވެސް މިއަދުގެ މެންދުރުފަހު އޮންނާނެއެވެ. އެ ސެޝަން ނަންގަވައިދެއްވާނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑިރެކްޓަރ، ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ޔުނިޓް، އަލްފާޟިލާ ސިޔާނަތު ހާޝިމެވެ.