މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާ ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލުކުރައްވައިފި

02 އޮގަސްޓް 2016

ޖިނާއީ މައްސަލަތަކާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ހައްދަވާ އެސެސްމަންޓްތައް ހަރުދަނާކުރުމާ ބެހޭގޮތުން އެމިނިސްޓްރީގެ އިސްވެރިންނާ ޕްރޮސިކިއުޓަރ ޖެނެރަލް މިއަދު ބައްދަލުކުރައްވައިފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި މިއަދު ހެނދުނު އޮތް ބައްދަލުވުމުގައި، މިނިސްޓްރީން ހައްދަވާ އެސެސްމަންޓްތަކާ ގުޅޭގޮތުން ހަރުދަނާ ކުރަންޖެހޭ ކަމަށް ފާހަގަކުރެވޭ ކަންކަމާ ގުޅޭގޮތުން ވަރަށް ތަފްޞީލުކޮށް މަޝްވަރާކުރައްވާފައިވެއެވެ. މީގެ ތެރޭގައި، އެސެސްމަންޓްތަކާ ގުޅިގެން މިހާރު ދިމާވާ މައްސަލަތައް މަދުކޮށް، ކަމާގުޅޭ ފޯމެޓްތަކެއް އެކުލަވާލުމާއި، ހަރުދަނާ ސްޓޭންޑަރޑްތަކެއް ކަނޑައެޅުމާއި، ޖެންޑަރ މިނިސްޓްރީގެ ފަރާތުން އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގައި ހަދާ އެސެސްމަންޓްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ޔުނިޓުން ފޯރުކޮށްދިނުމާ ގުޅޭގޮތުންނާއި، ދެ މުއައްސަސާއިންވެސް ކަމާބެހޭ ފޯކަލް ޕޮއިންޓުން ކަނޑައެޅުއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

 

އަދި މީގެ އިތުރުން، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާޙަދާތަކުގެ ތެރެއިން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ރިޕޯޓް ހުށަހަޅުއްވަންޖެހޭ މުއާޙަދާތަކާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން އެއްކުރައްވަންޖެހޭ މަޢުލޫމާތުތައް ދުރާލާ އެއްކުރެއްވުމަށްޓަކައި ހަރުދަނާ އިންތިޒާމްތަކެއް ރޭއްވެވުމާ ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

 

މިއަދުގެ ބައްދަލުވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިސްވެރިންގެ އިތުރުން، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީއާއި، އެމިނިސްޓްރީގެ ކަމާބެހޭ އިސްވެރިން އެކަމަނާގެ އަރިހުގައި ބައިވެރިވެވަޑައިގަތެވެ.