ސްރީލަންކާގެ މިނިސްޓަރ އޮފް ޖަސްޓިސް އާއި ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލުކުރައްވައިފި

21 ޖުލައި 2016

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ކޮޅުނބަށް ކުރައްވަމުންގެންދަވާ ދެދުވަހުގެ ރަސްމީ ދަތުރުފުޅުގައި 2016 ޖުލައި 21 ވަނަ ދުވަހު ސްރީލަންކާގެ މިނިސްޓަރ އޮފް ޖަސްޓިސް ހިޒް އެކްސަލެންސީ މރ. ވިޖެޔަދާސް ރާޖަޕަކްސަ އާއި ބައްދަލުކުރައްވައިފިއެވެ. ޕާލިމަންޓްގޭގައި ކުރިއަށްދިޔަ މިބައްދަލުވުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރައްވަމުން ގެންދަވާ ޖިނާއީ ބައެއް ތަޙްޤީޤްތަކާ ގުޅިގެން ސްރީލަންކާ ސަރުކާރު މެދުވެރިކޮށް ހޯއްދެވުމަށް ބޭނުންފުޅުވާ ޤާނޫނީ އެހީތެރިކަމާ ގުޅޭގޮތުން، ޤާނޫނު ނަންބަރު: 2015/2 (ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖެއިން ސްރީލަންކާއަށް ހުށަހަޅާފައިވާ ދެ ހުށަހެޅުމަކާގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އެދިވަޑައިގަތުމުގެ މަތިން އިންތިޒާމްކުރެވުނު ބައްދަލުވުމެކެވެ. މީގެ އިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާ އާދެމެދު ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމާބެހޭ ޓްރީޓީ އެއްގައި ސޮއިކުރުމާމެދުވެސް މިބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ. 2015 ޖަނަވަރީ 5 ވަނަ ދުވަހު ތަޞްދީޤްކުރައްވާ މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނު ނަންބަރު: 2015/2 (ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގެ ދަށުން ޖިނާއީ މައްސަލައެއްގައި ދިވެހިރާއްޖޭގެ ފަރާތުން ބައިނަލްއަޤްވާމީ އެހީއަށް އެދޭނަމަ، އެކަންކުރާނީ ޕްރޮސިކިއުޓަރ ޖެނެރަލެވެ. އަދި މިޤާނޫނުގެ ދަށުން ޖިނާއީ މައްސަލަތަކުގައި އެހީފޯރުކޮށްދިނުންއެދި ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ހުށަހެޅުންތައްވެސް ހުށަހަޅާނީ މިޤާނޫނުގެ ދަށުން ސެންޓްރަލް އޮތޯރިޓީގެ ގޮތުގައި ކަނޑައަޅާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލަށެވެ.