ތުހުމަތުކުރެވޭ ވަކި ފަރާތެއް ނެތްގޮތުގައި 2009 އިން 2011 އާއި ހަމައަށްހުރި މަސްތުވާތަކެތި ނައްތާލައިފި

02 ޖޫން 2016

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައިހުރި އެކިމައްސަލަތަކާގުޅޭ މަސްތުވާތަކެއްޗާއި އެކަމުގައި ބޭނުންކުރާ އާލާތްތަކުގެ ތެރެއިން ތުހުމަތުކުރެވެވޭ ވަކި ފަރާތެއް ނެތްގޮތުގައި 2009 ވަނަ އަހަރުން 2011 ވަނަ އަހަރާ ހަމައަށްހުރި ތަކެތި 2016 ޖޫން 1 ވަނަ ދުވަހު 'މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެތި ނައްތާލާ ކޮމިޓީ' ގެ ފަރާތުން ކ. ދޫނިދޫގައި ނައްތާލައިފިއެވެ. މިގޮތުން 593 މައްސަލައެއްގައި ހިމެނޭ މަސްތުވާތަކެއްޗާއި އެކަމުގައި ބޭނުންކުރާ އާލަތްތައް ނައްތާލާފައިވާއިރު، މިތަކެތީގެ ތެރޭގައި، 1,227.9878 ގްރާމް ކެނަބިހާއި، 602.1444 ގްރާމް ހެރޮއިން ހިމެނެއެވެ. ދޫނިދޫގައި މިތަކެތި ނައްތާލާފައިވަނީ ކޮމިޓީ މެންބަރުންނާއި ނޫސްވެރިންގެ ޙާޟިރުގައެވެ.

'މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެތި ނައްތާލާ ކޮމިޓީ' އަކީ ޤާނޫނު ނަންބަރު: 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 160 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މަތިކޮށްފައިވާ ޛިންމާގެ ދަށުން ހަދާފައިވާ ޤަވާޢިދު ނަންބަރު: 2015/R-230 (މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު ޢަމަލުކުރާނެގޮތުގެ ޤަވާޢިދު) ގެ 4 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލާފައިވާ ކޮމިޓީއެކެވެ. މިއީ މިގޮތުން މިކޮމިޓީ އެކުލަވާލިފަހުން މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެތި ނައްތާލެވުނު ދެވަނަ ފަހަރެވެ. ފުރަތަމަ ނައްތާލެވިފައިވަނީ 2016 މޭ މަހުގައެވެ.

 

#

އަހަރު

މައްސަލަ

ހެރޮއިން (ގްރާމް)

ކެނަބިސް (ގްރާމް)

ރަބަރު ޕެކެޓް

ސެލޯފިން

ޕައިޕް

ފޮއިލް

އެހެނިހެން

1.

2009

207

212.1447

784.682

1187

234

5

11

99

2.

2010

240

154.9565

163.3288

978

636

2

1

30

3.

2011

146

235.0432

279.977

753

275

0

1

70

ޖުމްލަ:

593

602.1444

1,227.9878

2,918

1145

7

13

199