ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 'ސްޓްރެޓީޖިކް ޕްލޭން 2016-2019' ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އިފްތިތާޙްކޮށްދެއްވައިފި

16 މާރިޗު 2016

ކުރިއަށްއޮތް 4 އަހަރުދުވަހަށް އަމާޒުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރުމަށް ޤަޞްދުކޮށްފައިވާ ކަންކަމުގެ މައްޗަށް އެކުލަވާލާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 'ސްޓްރެޓީޖިކް ޕްލޭން 2016-2019' 2016 މާރިޗު 16 ވަނަ ދުވަހުގެ ރޭ އިފްތިތާޙްކޮށްފިއެވެ. ބަނޑޮސް އައިލެންޑް ރިސޯޓުގައި އެކަމަށްޓަކައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައި އެ ޕްލޭން އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ސަޢީދެވެ. ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކުރުމަށް ބޭއްވި ޙަފްލާގައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކުލަ އާއި، ލޯގޯ އާއި، ދިދަ އަދި އައު ވެބްސައިޓްވެސް އިފްތިތާޙްކޮށްފައެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކުލަ އާއި، ލޯގޯ އަދި ދިދަ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް އިފްތިތާޙްކޮށްދެއްވިއިރު، އޮފީހުގެ އައު ވެބްސައިޓް އިފްތިތާޙްކޮށްދެއްވީ ރާއްޖޭގެ ފުރަތަމަ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް އަޙްމަދު މުޢިއްޒު އެވެ. މިޙަފްލާގައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ އިސްވެރިންނާއި، ދައުލަތުގެ ޢިއްޒަތްތެރިންނާއި، މިއޮފީހުގެ މުވައްޒަފުން ބައިވެރިވިއެވެ. ކުރިއަށްއޮތް 4 އަހަރުދުވަހަށް އަމާޒުކޮށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭންގައި އެމުއްދަތުގެ ތެރޭގައި މިއޮފީހުގެ ފަރާތުން ކުރުމަށް ރާވާފައިވާ ގިނަގުނަ ކަންތައްތަކެއް ހިމަނާފައިވާއިރު، މިހާރު ޢަމަލުކުރަމުންދާ ބައެއް އިޖުރާއަތްތަކާއި އުޞޫލުތައް މުރާޖަޢާކޮށް އިތުރަށް ހަރުދަނާކުރުން ހިމަނާފައިވެއެވެ. މިޕްލޭންގައި އޮފީހުން ޙާޞިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ބަހާލާފައިވަނީ މައިގަނޑު 3 ސިޔާސަތެއްގެ މައްޗަށެވެ. އެއީ، މުއައްސަސާގެ ހިންގުން ހަރުދަނާކުރުމާއި، ޕްރޮސިކިއުޝަން ހަރުދަނާކުރުމާއި، އޯލްޓަރނޭޓިވް ޖަސްޓިސްގެ ފުރިހަމަ ނިޒާމެއް ޤާއިމްކުރުމެވެ. މިޙަފްލާގައި އިފްތިތާޙްކުރެވިފައިވާ އޮފީހުގެ ލޯގޯ އާއި، ދިދަ އަދި އައު ވެބްސައިޓަކީ އޮފީހުގެ މުވައްޒަފުންގެ އުފެއްދުންތަކެއްކަން ފާހަގަކުރެވެއެވެ.