އިލެކްޝަންސް ކޮމިޝަންގެ ހުށަހެޅުއްވުމަކާއި ގުޅިގެން، އިންތިޚާބާގުޅޭ ކަންކަމުގައި ރާއްޖެއަށް ފަންނީ އެހީ ބޭނުންވާ މިންވަރާއި ބާވަތްތައް ދެނެގަތުމަށްޓަކައި ރާއްޖެ ވަޑައިގަން އުޅުއްވާ އ.ދ. ގެ ޓީމުން ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމާ މިއަދު ބައްދަލުކުރައްވައިފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި، އިންތިޚާބާގުޅޭ ޖިނާއީ ކުށްކުށުގެ މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ދަޢުވާ އުފުލާ ފަރާތުގެ ޙައިޘިއްޔަތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފާހަގަކުރެވޭ ކަންކަމުގެ މައްޗަށް ވާހަކަދެކެވުނެވެ. އަދި، އިންތިޚާބާގުޅޭ ކަންކަމުގައި ތަމްރީން ބޭނުންވާ ދާއިރާތަކުގެ މައްޗަށް މަޝްވަރާކުރެވިފައިވެއެވެ.
މިގޮތުން، އިންތިޚާބެއްގައި ވާދަކުރާ ފަރާތްތަކާއި ވޯޓުދޭ ފަރާތްތަކަށް ލިބިގެންވާ ޙައްޤުތަކާއި ޛިންމާތަކުގެ މައްޗަށާއި، އިންތިޚާބަށް ޚަރަދުކުރުމާގުޅޭގޮތުން ހުރި ޤާނޫނީ އުޞޫލުތަކުގެ މައްޗަށާއި، ދުނިޔޭގައި ތަރައްޤީވެ ކުރިއަރާފައިވާ ޤައުމުތަކުގައި އިންތިޚާބާގުޅޭ މައްސަލަތައް ތަޙްޤީޤްކުރުމާއި، ދަޢުވާކުރުމުގައި ގެންގުޅޭ އުޞޫލުތަކާއި، އެފަދަ ތަޙްޤީޤްތައް ހިންގުމުގައާއި ދަޢުވާކޮށް ޝަރީޢަތްކުރުމުގެ މަރުޙަލާގައި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ދައުރާއި، އެކަމުގެ ވަޤުތުގައި ހަލުއިކަމާއެކު އިންތިޚާބާގުޅޭ މައްސަލަތަކުގައި ފިޔަވަޅު އަޅައި، ޙައްލުހޯދޭނެ ނިޒާމްތަކުގެ މައްޗަށް ޕްރޮސިކިއުޓަރުން އިތުރަށް އަހުލުވެރިވުމަށްޓަކައި އެދާއިރާތަކުން ޕްރޮސިކިއުޓަރުންނަށް ތަމްރީން ބޭނުންވާކަން ޕްރޮސިކިއުޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އިންތިޚާބާގުޅޭ މައްސަލަތަކުގައި ބޭނުންކުރެވޭ ހެކީގެ ބާވަތްތަކާއި، ރާއްޖެފަދަ ޖަޒީރާ ޤައުމެއްގައި އަތޮޅުތަކުގެ ކޮންމެ ރަށެއްގައި އެކަށީގެންވާ މިންވަރަށް ވަޞީލަތްތައް ޤާއިމްވެފައިނެތި، އިންތިޚާބެއްގައި ކުރިމަތިވާނެ މައްސަލަތަކާއި، ހެކި ހޯދުމުގައާއި، ހެކި ހުށަހެޅުމުގައި ބަލަންވީ ކަންތައްތަކާގުޅޭގޮތުން މިކަމާގުޅުންހުރި ދާއިރާތަކަށް ތަމްރީން ބޭނުންވާކަމަށާއި، ވޯޓުލާ ފަރާތްތަކަށް ލިބިގެންވާ ޙައްޤުތަކާއި، އެފަރާތްތަކުން ޢަމަލުކުރަންވީގޮތުގެ މައްޗަށް އާންމުން ހޭލުންތެރިކުރުވެންޖެހޭކަމުގައާއި، އިންތިޚާބީ ކުށުގެ ޢަމަލެއް ހިންގާ ޙާލަތުގައި އެކަން ދެނެގަތުމަށާއި، މައްސަލަ ހުށަހެޅުމާއި ބަޔާންދިނުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައްޗަށްވެސް އިތުރަށް ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ކުރަންޖެހޭކަން ފާހަގަކުރައްވާފައިވެއެވެ.