ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ މީރާއާދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

24 އެޕްރީލް 2016

ޤާނޫނު ނަންބަރު: 2/2015 (ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި، އެ އެހީތެރިކަމަކީ ޓެކްސްއާ ގުޅުންހުރި އެހީތެރިކަމަކަށްވާނަމަ، އެ އެހީތެރިކަމެއް ދިވެހިރާއްޖެއިން ފޯރުކޮށްދިނުން އެދި ބޭރު ޤައުމުތަކުން ސީދާ މީރާއަށް ހުށަހެޅޭނެ މަގުފަހިކޮށްދިނުމަށްޓަކައި، ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ބައެއް މަސްއޫލިއްޔަތުތައް މީރާއާ ޙަވާލުކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި މިރާއާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މީރާގައި އެކަމަށް އޮތް ޚާއްޞަ ރަސްމިއްޔާތެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިއެމްއޯޔޫގައި ސޮއިކުރެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމެވެ. އަދި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލް ޔަޒީދު މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލްވަނީ މިއަދު ސޮއިކުރެވިގެންދިޔަ އެމްއޯޔޫގައި ހިމެނޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި މި އެމްއޯޔޫގެ ސަބަބުން މީރާއިން ކުރަމުން ގެންދަވާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ފާހަގަކުރެއްވުމުގެ އިތުރުން، ބޭރު ޤައުމުތަކުން އެހީ ހޯއްދެވުމުގައި ދިމާވެފައިވާ ހުރަސްތައް މިއެމްއޯޔޫގެ ސަބަބުން ނައްތާލެވިގެން ދާނެކަމުގައިވެސް ޕްރޮސިކިއުޓަރ ޖެނެރަލްވަނީ ފާހަގަކުރައްވާފައެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލް ޔަޒީދު މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި މި އެމްއޯޔޫގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކުގެ ޓެކްސް އިދާރާތަކާ މަޢުލޫމާތު ބަދަލުކުރުމުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް ގެނެސްދޭނެކަން ފާހަގަކުރައްވައި ޓެކުހަށް މަކަރުހަދާ ފަރާތްތައް އަތުލައިގަތުމަށް ދުނިޔޭގެ ޤައުމުތަކާއެކު ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް މިއެމްއޯޔޫގެ ސަބަބުން ލިބިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

މިއީ، ޖިނާއީ މައްސަލަތަކުގައި ބޭރު ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ރާއްޖޭގެ ތަޙްޤީޤީ އިދާރާއަކާއެކު އެމްއޯޔޫއެއްގައި ސޮއިކުރި ފުރަތަމަ ފަހަރެވެ.