ހައްދުންމަތީ އަތޮޅު ކައުންސިލާ، ފޮނަދޫ ކައުންސިލް އަދި ގަމު ކައުންސިލާ ބައްދަލުކުރައްވައިފި

21 އެޕްރީލް 2016

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް މިއަދު، 2016 އެޕްރީލް 21 ވަނަ ދުވަހު ހައްދުންމަތި އަތޮޅު ކައުންސިލާ، ފޮނަދޫ ކައުންސިލް އަދި ގަމު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ލ. ގޮފި މެދުވެރިކޮށް ކުރިއަށްގެންދާ މައްސަލަތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމުގައި ހައްދުންމަތީ ދާއިރާގެ ކައުންސިލްތަކަށް ވެދެއްވޭނެ އެހީތެރިކަމުގެ މައްޗަށް މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކާގުޅޭގޮތުން މިހާރަށްވުރެ ބޮޑަށް އާންމުން އަހުލުވެރިކުރުވުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށްވެސް ވާހަކަ ދެކެވުނެވެ. އެގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދާ އިތުރު ފުރުޞަތުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ފޯމާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަޢުލޫމާތު ލިބޭނެ ބްރޯޝަރ އަދި ލީފްލެޓް ފަދަ ތަކެތި ކަނޑައެޅޭ އުޞޫލެއްގެ ދަށުން ކައުންސިލްތަކުން ލިބެން ހުންނާނެ އިންތިޒާމް ހަމަޖެއްސުމުގެ މައްޗަށް މަޝްވަރާކުރެވުނެވެ. އަދި ހަމައެއާއެކު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ލ. ގޮފީގެ ފަރާތުން ހުށަހަޅާ މައްސަލަތަކާގުޅިގެން އަތޮޅުގެ ރަށްތަކަށް ކުރަންޖެހޭ ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމުގައާއި، ހުރުމުގެ އިންތިޒާމް ހަމަޖެއްސުމުގައި ކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމާގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.