ހައްދުންމަތީ ޕޮލިސް ސްޓޭޝަނާ ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލުކުރައްވައިފި

21 އެޕްރީލް 2016

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ހައްދުންމައްޗަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހައްދުންމަތީ ގަމު ޕޮލިސް ސްޓޭޝަނާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ހައްދުންމަތީގައި ޤާއިމުކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮތްޕާ ގުޅިގެން މަސައްކަތްކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރެވޭނެ ގޮތްތަކުގެ މައްޗަށާއި، އެސަރަޙައްދުގައި ހިނގާ ޖިނާއީ ކުށްތަކާގުޅޭ މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް މަޝްވަރާކުރެވުނެވެ. އަދި މިބައްދަލުވުމުގައި ހައްދުންމަތީގައި ޤާއިމްކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮފީގައި މިހާރު އެއް ޕްރޮސިކިއުޓަރަކު ހުރުމުން ދިމާވާ ދަތިކަން ފާހަގަކުރައްވައި، އިތުރު ޕްރޮސިކިއުޓަރުން ބޭތިއްބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ފުލުހުންގެ ފަރާތުން އެދިލެއްވިއެވެ.

މި ބައްދަލުވުމުގައި ހައްދުންމަތީ ގަމު ޕޮލިސް ސްޓޭޝަންގެ ބޭފުޅުންގެ އިތުރުން، ހައްދުންމަތީގެ އެހެން ސްޓޭޝަންތަކުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.