ޕްރޮސިކިއުޓަރ ޖެނެރަލް ހައްދުންމައްޗައް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

21 އެޕްރީލް 2016

ހައްދުންމައްޗަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް، މިއަދު، 20 އެޕްރީލް 2016 ވަނަ ދުވަހު ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅަކީ އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމާ ޙަވާލުވެވަޑައިގެންފަހުން، އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮފިތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރެކެވެ.

މިދަތުރުގައި ލ. ގަމުގައި ޤާއިމްކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮތްޕަށް ޒިޔާރަތްކުރުމުގެ އިތުރުން، ހައްދުންމަތީ ގަމާއި ފޮނަދޫގެ މެޖިސްޓްރޭޓް ކޯޓާއި ލ. ގަމު ޕޮލިސް ސްޓޭޝަންގެ އިތުރުން އަތޮޅު ކައުންސިލާވެސް ބައްދަލުކުރައްވާނެއެވެ.

މިދަތުރުފުޅުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމްގެ އަރިހުގައި ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ މަރްޔަމް ނިހާޔަތާއި، އެސިސްޓަންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ފަޒްނާ އަޙްމަދު އާއި، ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ އާމިނަތު ވަޙީދާ އާއި، ޕަރސަނަލް އެސިސްޓަންޓް އަލްފާޟިލް މުޙައްމަދު ޝަމްހީލް ބައިވެރިވެވަޑައިގަންނަވާނެއެވެ. މިދަތުރުފުޅު ނިންމަވާލައްވައި .ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 2016 އެޕްރީލު 23 ވަނަ ދުވަހު އެވެ