2016 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ކުއާޓަރލީ ރިޕޯޓް (ޖަނަވަރީ – މާރިޗު 2016) ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް މިއަދު ނެރެދެއްވައިފިއެވެ. ކުއާޓަރލީ ރިޕޯޓް ނެރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި މިއަދު އޮތް ޚާއްޞަ ރަސްމިއްޔާތެއްގައި، މި ކުއާޓަރލީ ރިޕޯޓް ނެރެދެއްވަމުން ދެއްކެވި ވާހަކަފުޅުގައި، މިރިޕޯޓަކީ ދެން ކޮންމެ 3 މަހަކުން ނެރޭނެ ރިޕޯޓެއްކަމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ގުޅުންހުރި މަޢުލޫމާތާއި ތަފާސްހިސާބު ބޭނުންވާ ފަރާތްތަކަށް އެމަޢުލޫމާތާއި ތަފާސްހިސާބު ލިބުމުގައި މިރިޕޯޓްގެ ސަބަބުން ފަސޭހަވެގެންދާނެކަމުގައާއި، އޮފީހާގުޅޭ މިފަދަ މަޢުލޫމާތު އާންމުކުރަން ފެށުމުން، އޮފީހުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް އިތުރު ބާރަކަށްވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. މިއަދު ނެރުނު މި ކުއާޓަރލީ ރިޕޯޓްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި އެކިއެކި ތަޙްޤީޤީ އިދާރާތަކުން މައްސަލަ ހުށަހަޅާފައިވާ ނިސްބަތް، އެމައްސަލަތަކުގެ ބާވަތުންނާއި، މައްސަލަ ހުށަހެޅި އިދާރާގެ ނިސްބަތުން އެނގޭނޭހެން ހިމަނާފައިވެއެވެ. މީގެ އިތުރުން، ކުށުގެ ރެކޯޑުގެ ތަފާސްހިސާބާއި، އިތުރު ފުރުޞަތުދީފައިވާގޮތުގެ ތަފާސްހިސާބާއި، މިނޫންވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާގުޅޭ އެކިއެކި ތަފާސްހިސާބާއި މަޢުލޫމާތު ހިމަނާފައިވެއެވެ.
20 އެޕްރީލް 2016