މަސްތުވާތަކެތީގެ މައްސަލަތަކުގައި ދަޢުވާކުރުމާއި ދަޢުވާކުރިއަށް ގެންދިޔުމުގައި ދިމާވާ ބައެއް މައްސަލަތަކާގުޅޭގޮތުން ގުޅުންހުރި މުއައްސަސާތަކާ ބައްދަލުކޮށްފި

19 އެޕްރީލް 2016

މަސްތުވާތަކެތީގެ މައްސަލަތަކުގައި ދަޢުވާކުރުމާއި ދަޢުވާކުރިއަށް ގެންދިޔުމުގައި ދިމާވާ ބައެއް މައްސަލަތަކާގުޅޭގޮތުން ގުޅުންހުރި މުއައްސަސާތަކާ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ބައްދަލުކުރައްވައި، މަޝްވަރާކުރައްވައިފިއެވެ. މިބައްދަލުވުމުގައި، އެކެއްގެ މައްޗަށް ހުށަހެޅޭ މަސްތުވާތަކެތީގެ އެއް މައްސަލައަށްވުރެ ގިނަ މައްސަލަތަކުގައި މިހާރު ޢަމަލުކުރާ އުޞޫލުގެ ސަބަބުން ދިމާވާ މައްސަލަތަކާގުޅޭގޮތުންނާއި، މަސްތުވާތަކެތި ބޭނުންކުރާކަމަށް އިޢުތިރާފްވާ ފަރާތްތަކުގެ ޑްރަގް ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި، ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރާތުން ހަދާ އިންޑިކޭޓިވް އެސެސްމަންޓުން ދެއްވެއްނޫންކަމަށް ކަނޑައަޅާ ފަރާތްތަކުގެ މައްސަލަތައް ޑްރަގް ކޯޓުން ޖިނާއީ މައްސަލަތައް ބެލުމުގެ އިޙްތިޞާޞްލިބޭ އެހެން ކޯޓުތަކަށް ތަޙުވީލުކުރެއްވުމުގައި، ޑްރަގް ކޯޓުން އެހެން ކޯޓުތަކަށް ސީދާ ތަޙުވީލްކުރެއްވުމުގެ ބަދަލުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދަޢުވާތަކާމެދު ގޮތެއް ކަނޑައެޅުމުގެ ފުރުޞަތުލިބިދޭނެ ފުރުޞަތު ފަހިވާފަދަ އިޖުރާއަތެއް ތަޙްވީލުކުރުމުގެ ކުރިއަށް މިއޮފީހަށް ލިބިދިނުމާގުޅޭގޮތުންނާއި، މަސްތުވާތަކެތީގެ ނުފޫޒުގައި ނުވަތަ ތާސީރުގައި ކުރާ ޖިނާއީ އެހެން ކުށްކުށުގެ މައްސަލަތައް މަސްތުވާތަކެތީގެ މައްސަލައާއެކު ކުރިއަށްގެންދިޔުމާ ގުޅޭގޮތުންނާއި، އަދި މިނޫންވެސް މަސްތުވާތަކެތީގެ މައްސަލަތައް ކުރިއަށްގެންދިޔުމުގައާއި، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދިނުމުގައާއި، އެފަރާތްތަކުގެ ޙުކުމް ތަންފީޛްކުރުމުގައިހުރި ގޮންޖެހުންތަކުގެ މައްޗަށް މަޝްވަރާކޮށްފައިވެއެވެ. މިބައްދަލުވުމުގައި ކްރިމިނަލް ކޯޓު ހިންގެވުމާ ޙަވާލުވެހުންނެވި ޤާޟީ އަލްއުސްތާޛް ޢަބްދުލްބާރީ ޔޫސުފާއި، ޑްރަގް ކޯޓު ހިންގެވުމާ ޙަވާލުވެހުންނެވި ޤާޟީ އަލްއުސްތާޛް ޢަބްދުއްސައްތާރު ޢަބްދުލްޙަމީދާއި، ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިނާއި، ޖުވެނައިލް ކޯޓު ހިންގެވުމާ ޙަވާލުވެހުންނެވި ޤާޟީ އަލްއުސްތާޛް އަޙްމަދު ޝަކީލާއި، ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ޗެއަރމަން ލެފްޓިނެންޓް ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދާއި، ނޭޝަނަލް ޑްރަގް އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލްއުސްތާޛް މުޙައްމަދު ރިޔާޟާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޚުޝާމް ބައިވެރިވެޑައިގެންފައިވެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމާއެކު ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލުންކަމުގައިވާ އަލްއުސްތާޛް މަޙްމޫދު ސަލީމް އަދި އަލްއުސްތާޛާ މަރްޔަމް ނިހާޔަތާއި، އެސިސްޓަންޓް ޕްރޮސިކިއުޓަރ ޖެނެރަލުންކަމުގައިވާ އަލްއުސްތާޛް ޙުސައިން ނާޝިދު އަދި އަލްއުސްތާޛާ ޢާއިޝަތު ފަޒްނާ އަޙްމަދު ބައިވެރިވެޑައިގެންނެވިއެވެ.