ޕްރޮސިކިއުޓަރ ޖެނެރަލް ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

10 އެޕްރީލް 2016

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް، ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް (ޕޮލިޓިކަލް) ޑޮކްޓަރ ޖޮސެފިން އޮޖިއަމްބޯއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދުގެ ހަވީރު 16:30 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައެވެ.

 

މި ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން އެކުލަވާލައްވަމުން ގެންދަވާ ޖިނާއީ ޢަދުލުގެ ނިޒާމަށް ބޭނުންވާ ބައެއް ޤާނޫނުތަކާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، ކޮމަންވެލްތުގެ ފަންނީ ބޭފުޅެއްގެ އެހީތެރިކަން ރާއްޖެއަށް ދެއްވުމާ ގުޅޭގޮތުން މަޢުލުމާތު ޙިއްޞާކޮށްފައިވެއެވެ. އަދި މީގެ އިތުރުން، ކުރިއަށް އޮތް 4 އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސްޓްރެޓީޖިކް ޕްލޭންއާބެހޭ މަޢުލޫމާތުތައް ކޮމަންވެލްތު ސެކްރެޓޭރިއޭޓަށް އެރުވުމުގެ ގޮތުން އެޕްލޭންގައިވާ ބައެއް މުހިންމު ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ޕްރޮސިކިއުޓަރ ޖެނެރަލް މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. އަދި ސްޓްރެޓީޖިކް ޕްލޭންގައި ޙާޞިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރުމާ ބެހޭގޮތުންނާއި ޕްރޮސިކިއުޓަރުން ތަމްރީންކުރުމާ ގުޅޭގޮތުން ކޮމަންވެލްތު ސެކްރެޓޭރިއޭޓަށް ވެދެއްވޭނެ އެހީތެރިކަމުގެ މައްޗަށްވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްވަނީ ސްޓްރެޓީޖިކް ޕްލޭންގެ ކޮޕީއެއް ޑޮކްޓަރ އޮޖިއަމްބޯއަށް އަރުވާފައެވެ.