އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނާއި ޑިޓޮކްސިފިކޭޝަން ސެންޓަރާ ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލުކުރައްވައިފި

01 އެޕްރީލް 2016

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ދެކުނަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހުގެ ބައްދަލުވުންތަކުގެ ގޮތުގައި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން އަދި އައްޑޫ ސިޓީ ހިތަދޫގައި ޤާއިމްކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް ޑީޓޮކްސިފިކޭޝަން ސެންޓަރާ ބައްދަލުކުރައްވައިފިއެވެ.

 

އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ބޭފުޅުންނާއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި، އެސްޓޭޝަނުން ތަޙްޤީޤްކުރައްވާ މައްސަލަތައް ޑިއުޓީ ޕްރޮސިކިއުޝަންގެ ނިޒާމުގެ ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އައްޑޫ އަތޮޅު ގޮތްޕަށް ބަލައިގަތުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމާބެހޭގޮތުންނާއި، ހުށަހަޅާ މައްސަލަތަކުގެ ތަޙްޤީޤްތައް އިތުރަށް ހަރުދަނާކުރެވޭނޭ ގޮތްތަކާބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ކުށުގެ ތުހުމަތުކުރެވޭ ފަރާތްތަކަށް ބަންދު އަމުރު ހޯދުމުގައިހުރި ގޮންޖެހުންތަކާމެދުވެސް ވާހަކަދެކެވުނެވެ.

 

އައްޑޫ ސިޓީ ހިތަދޫގައި ޤާއިމްކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް ޑީޓޮކްސިފިކޭޝަން ސެންޓަރަށް ޕްރޮސިކިއުޓަރ ޖެނެރަލް ކުރެއްވި ޒިޔާރަތުގައި، އެސެންޓަރ ބައްލަވާލެއްވުމުގެ އިތުރުން، ސެންޓަރުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ބައެއް ފަރާތްތަކާ ބައްދަލުކުރައްވައި، ސެންޓަރުގެ މަސައްކަތުގައި ދިމާވާ މައްސަލަތައް އެސެންޓަރުގެ އިސްވެރިންގެ އަރިހުން ސާފުކުރެއްވިއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ވަނީ އެސެންޓަރުގެ މެހެމާނުން ސޮއިކުރާ ފޮތުގައި ސޮއިކުރައްވާފައެވެ.

 

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމްގެ މި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 2016 އެޕްރީލް 02 ވަނަ ދުވަހު އެވެ