ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އައްޑޫ ގޮފީގައި ދިދަ ނަގައިފި

31 މާރިޗު 2016

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އައްޑޫ ގޮފީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ރަސްމީ ދިދަ މިއަދު ނަގައިފިއެވެ. މިކަން ކުރިއަށް ގެންގޮސްފައިވަނީ އެކަމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އައްޑޫ ގޮފީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ރަސްމީ ދިދަ ނަންގަވައިދެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމެވެ.

 

ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު، އައްޑޫ ގޮފީގެ މުވައްޒަފުންގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލަށްޓަކައި އިންތިޒާމްކުރައްވާފައިވާ ޚާއްޞަ ސައިފޮދެއް އޮތެވެ. އެއަށްފަހު، ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ އައްޑޫ ގޮފީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، އެގޮފީގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބައްލަވައި، އެގޮތްޕަށް ދިމާވެފައިވާ ދަތި ކަންކަމަކީ ކޮބައިކަން ސާފުކުރައްވައި، އެކަންކަން ޙައްލު ކުރުމަށް ކުރެވޭނޭ ކަންކަމުގެ މައްޗަށް ގޮފީގެ މުވައްޒަފުންނާއެކު މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، 2016 މާރިޗު 16 ގައި އިފްތިތާޙްކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސްޓްރެޓީޖިކް ޕްލޭންގައިވާ ކަންކަން ތަންފީޛްކުރުމާގުޅޭގޮތުން ވާހަކަދެކެވުނެވެ.