ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް އައްޑު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ، 2016 މާރިޗު 30 ވަނަ ދުވަހު، އައްޑު އަތޮޅު މީދޫގައި ޤާއިމްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮތްޕަށް ޒިޔާރާތްކޮށް، ފަނޑިޔާރުންނާ ބައްދަލުކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮފީގައި އޮތް މިބައްދަލުވުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެގޮތްޕަށް ހުށަހަޅާ މައްސަލަތައް ހިންގުމުގައި ދިމާވާ ދަތިތައް ޙައްލުކުރާނޭގޮތުގެ މައްޗަށާއި، މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވޭނޭ އުޞޫލުތަކާބެހޭގޮތުން ވާހަކަދެކެވުނެވެ. މިގޮތުން އެގޮތްޕަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ބަންދުއަމުރު އިސްތިއުނާފްގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތް ނުވަތަ ފަރާތްތައް ބަންދުއަމުރު އިސްތިއުނާފްގެ އަޑުއެހުންތަކަށް ޙާޟިރުކުރުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އާއި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު މެދުވެރިކޮށް އެކަމަށް ޙައްލެއް ހޯދުމާގުޅޭގޮތުން މަޝްވަރާކުރެވުނެވެ.