ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ އިސްބޭފުޅުންނާ ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލުކުރައްވައިފި

30 މާރިޗު 2016

ފުވައްމުލަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ވަނީ މިއަދު، 2016 މާރިޗު 30 ވަނަ ދުވަހު ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕްރޮސިކިއުޓަރުން ފުވައްމުލަކަށް ކުރައްވާ ދަތުރުތަކުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ޤާއިމްކޮށްފައިވާ ޑިއުޓީ ޕްރޮސިކިއުޝަންގެ ނިޒާމުގެ ތެރެއިން، ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަޙްޤީޤްކުރައްވައި، ދަޢުވާކުރުމަށްޓަކައި ހުށަހަޅުއްވާ މައްސަލަތައް ހުށަހެޅުމާބެހޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ދެމުއައްސަސާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި ކުރެވެންހުރި ކަންކަމުގެ މައްޗަށް ވާހަކަދެކެވުނެވެ.

 

މިބައްދަލުވުމުގައި، ފުވައްމުލަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ޤާއިމުވެ ނުތިބުމުގެ ސަބަބުން ދިމާވާ ދަތިތައް ފާހަގަކުރައްވައި، އެކަންކަމަށް ޙައްލެއްގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮތްޕެއް ފުވައްމުލަކުގައި ޤާއިމްކޮށްދިނުމަށް އެސްޓޭޝަނުން އެދިވަޑައިގަތެވެ. އަދި އެކަމުގައި އެސްޓޭޝަންގެ ފަރާތުން ވެދެއްވެންއޮތް އެންމެހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދެއްވިއެވެ.