އުތުރުގެ 4 އަތޮޅަކަށް ކުރައްވާ ދަތުުރުފުޅެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ފުރާވަޑައިގެންފި

04 ފެބުރުވަރީ 2016

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް، އުތުރުގެ 4 އަތޮޅަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި މިލަދުންމަޑުލު ދެކުނުބުރި، މާޅޮސްމަޑުލު އުތުރުބުރި، މާޅޮސްމަޑުލު ދެކުނުބުރި އަދި ފާދިއްޕޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި އެ އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ފުލުހުންގެ ސްޓޭޝަންތަކާއި، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކާ ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން، މި ދަތުރުފުޅުގައި މާޅޮސްމަޑުލު އުތުރުބުރި އަދި ފާދިއްޕޮޅުގައި ޕީޖީ އޮފީހުގެ ގޮފިތައް ގާއިމްކުރުމާ ގުޅޭގޮތުން ކައުންސިލްތަކާއެކު މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މިލަދުންމަޑުލު ދެކުނުބުރީގައާއި، މާޅޮސްމަޑުލު ދެކުނުބުރީގައި ޤާއިމްކޮށްފައިވާ ޕީޖީ އޮފީހުގެ ގޮތްޕަށްވެސް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އަރިހުގައި ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަޙްމޫދު ސަލީމްއާއި، އެސިސްޓަންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ނާޝިދުވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.