• 01 ޖުލައި 2024

    އެއާރޕޯޓު އެމްޑީގެ ކާރު ވަގަށްނެގި މައްސަލަ

    29 އޭޕްރީލް 2024 ވަނަ ދުވަހުގެ 07:00 ހާއިރު މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ ދުއްވުމަށް ހާއްސަކޮށްފައިވާ ކާރެއް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓްރާންސްޕޯޓް އެންޑް ފެރީ ސާރވިސް ބިލްޑިންގގައި ޕާކްކޮށްފައި އޮއްވާ ވަގަށްނަގާފައިވާ މައްސަލައިގައި އަންނަނިވި ދަޢުވާތައް ކުރުމަށް 27 ޖޫން 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

    މ. ސީނީއަސުރުމާގެ، މުޙައްމަދު ޚައިޝަމްއާއި، މ. މޮޑަންކޮމެޓް، އަޙްމަދު ނިޡާމްގެ މައްޗަށް؛

    ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 211 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، 210 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން.

    ދަޢުވާކުރާ ސަބަބު: މުޙައްމަދު ޚައިޝަމްއާއި، އަޙްމަދު ނިޡާމް، 29 އޭޕްރިލް 2024 ދުވަހުގެ 00:00 އާއި، 06:30 އާ ދެމެދުގެ ވަގުތެއްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު ދުއްވުމަށް ހާއްސަކޮށްފައިވާ ވޭން، އެކުންފުންޏަށް ނޭނގި ނަގައިގެން ގޮސްފައިވާތީ.

    އަސާސީ އަދަބު: 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން

    އިސްވެ ދެންނެވުނު ދަޢުވާގެ އިތުރުން، މ. މޮޑަންކޮމެޓް، އަޙްމަދު ނިޡާމްގެ މައްޗަށް އަންނަނިވި ދަޢުވާތައް؛

    1. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 311 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، އެއްވެސް މީހަކަށް އޮޅުވާލުމުގެ ނިޔަތުގައި އެއްޗަކަށް ބަދަލު ގެނައުން.

    ދަޢުވާ ކުރާ ސަބަބު: 29 އޭޕްރިލް 2024 ދުވަހުގެ 00:00 އާއި، 06:30 އާ ދެމެދުގެ ވަގުތެއްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ވޭނެއް އެކުންފުންޏަށް ނޭނގި ނަގައިގެން ގެންގޮސް، އެ ވޭންގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލާއި، އެ އުޅަނދުގެ އަސްލު އޮޅުވާލުމަށް މަސައްކަތްކޮށްފައިވާތީ.

    އަސާސީ އަދަބު: 9 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން

    2. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 220 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގެ ދަށުން، މުދަލަށް ގެއްލުންދިނުން.

    ދަޢުވާކުރާ ސަބަބު: 29 އޭޕްރިލް 2024 ދުވަހުގެ 00:00 އާއި، 06:30 އާ ދެމެދުގެ ވަގުތެއްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ވޭން އެކުންފުންޏަށް ނޭނގި ނަގައިގެން ގެންގޮސް، އެ ވޭންގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލާއި، އެ އުޅަނދަށް ގެއްލުން ދީފައިވާތީ.

    އަސާސީ އަދަބު: 9 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން

     މި މައްސަލައިގައި ވަގަށް ނަގާފައިވާ ކާރުގެ އަގަކީ 34560 އެމެރިކާ ޑޮލަރެވެ.

     

    * މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް  އުފުލުމަކީ މީހަކު ކުށްވެރިވާ ކަމެއް ނޫނެވެ. ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.