• 06 މާރިޗު 2024

    މި އޮފީހުގެ އަރުޝީފު ފުވައްމުލައް ސިޓީގައި ޤާއިމުކުރުން

    ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަރުޝީފު ފުވައްމުލައް ސިޓީގައި ޤާއިމުކޮށް, ރަސްމީކޮށް ހުޅުވައިފިއެވެ. 
    މިކަމަށްޓަކައި މިއަދު ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަރުޝީފު ރަސްމީކޮށް ހުޅުއްވައިދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާޢީލް ރަފީޤުއެވެ. މި ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމު ބައިވެރިވެވަޑައިގެންނެވިއެވެ.  
     
    މީގެ ކުރިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްސަލަތައް އަރުޝީފު ކުރަމުން ދިޔައީ މާލޭގައި ހުންނަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައި އޮފީހުގައެވެ. އަދި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ގޮފިތަކުން ބަލަހައްޓާ މައްސަލަތައް އެ ގޮތްޕެއްގައެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަރުޝީފު ރަސްމީކޮށް ހުޅުވުމާއެކު, މީގެ ފަހުން އެންމެހައި މައްސަލަތައް މަރުކަޒީކޮށް އަރުޝީފު ކުރަމުން ގެންދާނީ ފުވައްމުލަކުގައެވެ. 
     
    ކޮންމެ އަހަރަކުވެސް މި އޮފީހަށް އެވަރެޖްކޮށް ދެހާހެއްހާ މައްސަލަ ހުށަހެޅެއެވެ. މައްސަލައެއް އަރުޝީފުކުރަނީ މައްސަލައިގެ އެންމެހައި މަރުޙަލާތައް ނިމި ފަހު ގޮތެއް ކަނޑައެޅުމުންނެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ގިނަ މައްސަލަތަކެއް މި އޮފީހުގެ އަރުޝީފަށް ދާނީ އިތުރުވަމުންނެވެ. އެހެންކަމުން އެފަދަ ސްޓޯރޭޖެއް ޤާއިމުކުރުމަށް މާލެއަކީ އެންމެ އެކަށީގެންވާ ތަނެއްކަމަށް ދެކެވަޑައިނުގަންނަވާތީއާއި، ޙަޤީޤީ މާނައިގައި ލާމަރުކަޒީ އުޞޫލުން މަސައްކަތްތައް ރާވާލުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލް ނިންމެވީ ފުވައްމުލަކު ސިޓީގައި މި އޮފީހުގެ އަރުޝީފު ޤާއިމުކުރާށެވެ. 
     
    އެގޮތުން ފުވައްމުލަކުގައި އަމަން އަމާންކަން ޤާއިމުކުރުމަށް ފުލުހުންނާއި, ސިޓީ ކައުންސިލާއި, އެރަށުގެ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތަށް ގާތުން އެހީތެރިކަން ދިނުމުގެ ގޮތުން 2022 ވަނަ އަހަރުން ފެށިގެން މި އޮފީހުގެ ޕްރޮސިކިއުޓަރެއް އެރަށުގައި ޤާއިމުވެ ހުންނަވާގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ހަމަޖައްސަވާފައެވެ. އަދި  23 މޭ 2023 އިން ފެށިގެން މި އޮފީހުގެ ގޮތްޕެއް ފުވައްމުލަކުގައި ވަނީ ޤާއިމުކޮށްފައެވެ. 
     
    އެގޮތުން މި އޮފީހުގެ އަރުޝީފު ފުވައްމުލަކުގައި ޤާއިމުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމެވީ, ފުވައްމުލަކަކީ ބިމުގެ ގޮތުން ތަނަވަސް ރަށަކަށްވެފައި, ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު އަރުޝީފު ޤާއިމުކުރުމަށް އެކަށީގެންވާ ޖާގައެއް ލިބޭނޭކަމުގެ ޔަޤީންކަން ސިޓީ ކައުންސިލުން ދެއްވާފައިވާތީއެވެ. އަދި ފުވައްމުލައް ސިޓީއަކީ ތަޢުލީމީ ގިނަ ޒުވާނުންތަކެއް ދިރިއުޅޭ ޝަހަރަކަށްވެފައި, އަރުޝީފާއި އޮފީސް ހިންގުމަށް އެންމެ އެކަށީގެންވާ ރަނގަޅު މުވައްޒަފުންނާއި ވަސީލަތްތައް އެ ރަށުން ލިބެން އޮތުމަކީވެސް ފުވައްމުލަކުގައި އަރުޝީފު ޤާއިމުކުރުމަށް މި އޮފީހުން ނިންމި އެއް ސަބަބެވެ.
     
    ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަރުޝީފު ފުވައްމުލައް ސިޓީގައި ޤާއިމުކުރުމާއެކު, ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތާރީޚީ ރެކޯޑުތައް ފުރަތަމަ ފަހަރަށް މަރުކަޒީ ގޮތެއްގައި މާލެފިޔަވައި އެހެން ރަށަކަށް ބަދަލުކުރެވުނީއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތާރީޚީ ރެކޯޑުތައް ދެން ބަލަހައްޓަމުންގެންދާނީ ފުވައްމުލައް ސިޓީގައެވެ.