• 21 ފެބުރުވަރީ 2024

    ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ދަޢުވާކުރާ މައްސަލަތައް، ޤާނޫނުގައި ބުނާ ގޮތަށް 30 ދުވަހުގެ ތެރޭގައި ނިންމަވައި ދެއްވުން އެދި ކޯޓަށް ސިޓީ ފޮނުވަންފެށުން

    ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) އަކީ ، މީސްމީހުންގެ ފުރާނައާއި ހަށިގަނޑާއި މުދަލަށް ގެއްލުން ލިބޭގޮތަށް، ނުވަތަ ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް، ތޫނު އެއްޗެއްސާއި ހަތިޔާރު ފަދަ ތަކެތި ގެންގުޅުމާއި، މީސްމީހުންނަށް ބިރުދައްކައި، އިންޒާރުދީ ހެދުމާއި، މިފަދަ ކަންކަން ކުރުން މަނާކުރުމުގެ ޤާނޫނެވެ. 

    މިބާވަތުގެ މައްސަލަތަކުގެ ނުރައްކާތެރިކަމުންނާއި، އެމައްސަލަތައް ތަޙްޤީޤުކޮށް، ދައުވާކޮށް، ޝަރީޢަތްކުރުމުގައި ހުންނާނެ ގޮންޖެހުންތަކަށާއި، މިމައްސަލަތައް އަވަހަށް ނިންމުމުގެ މުހިންމުކަމުގެ މައްޗަށް ރިޢާޔަތްކުރައްވައި، މި ޤާނޫނު ފާސްކުރެއްވިއިރު، ރައްޔިތުންގެ މަޖިލީހުން ތަފާތު އުޞޫލުތަކެއް ކަނޑައަޅުއްވާފައިވެއެވެ. އޭގެ ތެރޭގައި، މިބާވަތުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާގެ ހަނުހުރުމުގެ ޙައްޤު ހަނިކޮށްފައިވެއެވެ. ތަޙްޤީޤު މަރްޙަލާގައި ބަންދުގައި ބަހައްޓައި، ޤާނޫނީ ވަކީލާއެކު ދައްކާ ވާހަކަވެސް 96 ގަޑިއިރުގެ މުއްދަތަށް ހިންގަންވާނީ ފުލުހުންގެ ހާޒިރުގައިކަމަށް އެޤާނޫނުގައި ބުނެއެވެ. 

    ހަމައެއާއެކު، މިޤާނޫނުގެ 17 ވަނަ މާއްދާ (ދަޢުވާކުރުމާއި މައްސަލަ ނިންމުމުގެ މުއްދަތު) ގައި، މިބާވަތުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިނަމަ، 15 ދުވަހުގެ ތެރޭގައި، އެމީހެއްގެ މައްޗަށް ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ފުލުހުންނަށް ލާޒިމުވެއެވެ. އެމުއްދަތު މާކުރުކަމަށް ފުލުހުންނަށް ފެނިއްޖެނަމަ، ތަޙްޤީޤު ކުރުމުގެ މުއްދަތު އިތުރުކުރުމަށް ސަބަބާއެކު ހުށަހަޅަންޖެހެނީ ޕްރޮސިކިއުޓަރ ޖެނެރަލަށެވެ. މައްސަލައެއް ތަޙްޤީޤު ނިމިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބޭތާ 15 ދުވަހުގެ ތެރޭގައި، އެމައްސަލައެއްގައި ދައުވާކުރުމާމެދު ގޮތެއް ނިންމަންވެސް ޤާނޫނު ލާޒިމުކުރެއެވެ. މިއޮފީހުން، ހަމަ ކޮންމެ މައްސަލައެއްގައިވެސް އެމުއްދަތުގެ ތެރޭގައި މިދަނީ ގޮތް ނިންމަމުންނެވެ. އެއްވެސް މައްސަލައެއް، މުއްދަތުން ނައްޓައިގެން ގޮސްފައެއްނުވާނެއެވެ.

    މިޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި، މިޤާނޫނުގެ ދަށުން ދައުވާކުރާ މައްސަލައެއްގައި ކޯޓަށް މައްސަލަ ހުށަހަޅާ ތާރީޚުން ފެށީގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި މައްސަލައިގައި ކޯޓުން ޙުކުމެއް ކުރަންވާނެކަމަށް ލިޔެފައި އެބައޮތެވެ. ވީމާ، މިއަހަރުން ފެށިގެން، މިއޮފީހުން ރާއްޖޭގެ ހުރިހާ ކޯޓުތަކަށް ފޮނުވާ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ދައުވާކުރާ ހަމަ ކޮންމެ މައްސަލައެއްގައި، އެމައްސަލައެއްގައި ޙުކުމެއް ކުރަން ޤާނޫނުގައި ކަނޑައެޅިފައިވަނީ 30 ދުވަހުގެ މުއްދަތެއްކަން، ފަނޑިޔާރުގެ ސަމާލުކަމަށް ގެނެސް، ހަނދުމަފުޅުކޮށް އެރުވުމަށްޓަކައި، އޮޓޮމެޓިކުން ސިޓީއެއް ފޮނުވަން ފަށައިފީމެވެ. މައްސަލަ ލަސްވެގެން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފަހުން މީހަކު ބެލިޔަސް، އެމުޢާމަލާތުތައް ފެންނަން ހުންނާނެއެވެ. މީގެ ބޭނުމަކީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅޭ މައްސަލަތައް އަވަހަށް ނިންމަވައްދެއްވުމަށް ކޯޓުތަކަށް ބާރު އެޅުމެވެ. 

    • 03 ފެބުރުވަރީ 2024

      ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަވައިދެއްވުން އެދި ކޯޓަށް، އޮޓޮމެޓިކުން ސިޓީއެއް ފޮނުވޭގޮތަށް ހެދުން

      އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންޞާފު ހޯދައިދިނުމަށް މިއޮފީހުން އިސްނަގައިގެން ދައުލަތުގެ ތެރޭގައި ޚާއްޞަ މަސައްކަތްތަކެއް ކުރަމުން އެބަގެންދަމެވެ. މިއޮފީހަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް އިސްތިރާތީޖީ ގޮތެއްގައި އިންވެސްޓްކޮށްގެން އެއިން ނަފާ ހޯފަމުންދާ މުއައްސަސާއަކަށްވާތީ، މައްސަލައިގައި އަނިޔާ ލިބުނު މީހާއަށް، މައްސަލަ ހިނގަމުންދާ ގޮތާއި، ޝެޑިއުލްކުރާ ދުވަސްތަކާއި، އެދުވަސްތަކުގައި މައްސަލައަށްވީ ގޮތް، މިއޮފީހުގެ www.online.pgo.mv ވެބްސައިޓުން ބެލޭނޭ އިންތިޒާމު މިހާރު އެހުރީ ހަމަޖައްސައިފައެވެ. އޭގެ ބޭނުމަކީ، ކުށުގެ ޝިކާރައަކަށްވީ މީހާއަށް ޖިނާއީ ޢަދުލުގެ ނިޒާމު ހިނގާގޮތާބެހޭ މަޢުލޫމާތު ދިނުމާއި، އޭނާއަށް އިންޞާފު ހޯދައިދިނުމުގައި ދައުލަތުންކުރާ މަސައްކަތްތައް އޭނާއަށް އަންގައިދޭ، މިކަމުގައި އޭނާގެ ބައިވެރިވުންވެސް އިތުރުކުރުމެވެ.

       

      ޤާނޫނު ނަންބަރު: 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާ (މަޤްޞަދު) ގެ (ށ) ގައި ބަޔާންކުރާގޮތުން، އެ ޤާނޫނުގެ އެއް މަޤްޞަދަކީ، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ޙިމާޔަތް ލިބިދިނުމެވެ. ގެވެށި އަނިޔާގެ ޢަމަލަކާ ގުޅިގެން ޖިނާއީ ދަޢުވާ އުފުލޭ ހާލަތުގައި، މައްސަލައިގެ ޝަރީޢަތް އަވަހަށް ހިންގައި މައްސަލަ ނިމި، އަވަހަށް އިންސާފު ޤާއިމުވުމަކީ، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ޙިމާޔަތް ލިބިދިނުމަށްޓަކައި މުހިއްމު ކަމެކެވެ.

       

      ވީމާ، މިއޮފީހުން ދަޢުވާކުރާ ގެވެށި އަނިޔާއާގުޅޭ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި، ޤާނޫނު ނަންބަރު: 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ހުރި މުއްދަތުތަކާ އެއްގޮތަށް، ވެވަޑައިގެންނެވި އެންމެ އަވަހަކަށް މައްސަލަ ތާވަލުކޮށްދެއްވައި، އެ ޤާނޫނުގެ 142 ވަނަ މާއްދާ (ޢަދުލުވެރިކަމާއި ތެދުވެރިކަމާއި އަދި މެދުކެނޑުމެއްނެތި ޝަރީޢަތް ހިންގުން) ގައި ބަޔާންކުރާ ގޮތުގެ މަތިން، މެދުކެނޑުމެއް ނެތި މި މައްސަލައިގެ ޝަރީޢަތް ހިންގަވައިދެއްވައި މައްސަލަ ނިންމަވައިދެއްވުން އެދި، މިބާވަތުގެ ހަމަ ކޮންމެ މައްސަލައެއްގައި، އެމައްސަލައެއް ހުށަހަޅާ ކޯޓަށް މިއޮފީހުން އޮޓޮމެޓިކުން ސިޓީއެއް ފޮނުވަން ފަށައިފީމެވެ. އެމައްސަލައަކީ ގެވެށި އަނިޔާގެ މައްސަލައެއްކަމަށް ބެލެވޭ ކޮންމެ މައްސަލައެއްގައި، އެސިޓީ މިހާރު ދާނީ ތައްޔާރުކުރެވި ކޯޓަށް ފޮނުވެމުންނެވެ. މައްސަލަ ލަސްވެގެން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފަހުން މީހަކު ބެލިޔަސް، އެމުޢާމަލާތުތައް ފެންނަން ހުންނާނެއެވެ. މީގެ ބޭނުމަކީ، ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަވައްދެއްވުމަށް ކޯޓުތަކަށް ބާރު އެޅުމެވެ.