• 06 ފެބުރުވަރީ 2024

    ޕްރޮސިކިއުޓަރ ޖެނެރަލްއަށް ބަޔަކު ދިން ހަމަލާއާ ގުޅިގެން ބައިނަލްއަޤްވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކުރުން

    މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަމާޒުކޮށް ބަޔަކު ދިން ހަމަލާއާ ގުޅިގެން ބައިނަލްއަޤްވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

    އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓަރސްގެ ޖެނެރަލް ސެކްރެޓަރީ ރޯއެލް ޑޯނާ، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމަށް ފޮނުއްވި ސިޓީއެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަމާޒުކޮށް ބަޔަކު ދިން ހަމަލާގެ މައްސަލައިގެ އެކަށީގެންވާ އަވަސް ތަޙުޤީޤެއް ހިންގައި، މިކަމުގައި ބައިވެރިވީ މީހުންނާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް އެންމެހައި މުއައްސަސާތަކަށް ގޮވާލައްވާފައިވެއެވެ.

    ޕްރޮސިކިއުޓަރުންގެ ޤާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލްއާއި ޕްރޮސިކިއުޓަރުންނަށް އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުން މުހިންމުކަން ފާހަގަކުރައްވައި، ރާއްޖޭގައި ޕްރޮސިކިއުޓަރުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.

    ބައިނަލްއަޤްވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާގައި ދިވެހިރާއްޖެ ބައިވެރިވެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމުއަކީ އެ ޖަމިއްޔާގެ މެންބަރެކެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 24 އިން 27 އަށް އިނގިރޭސި ވިލާތުގެ ލަންޑަންގައި ކުރިއަށްގެންދިޔަ ބައިނަލްއަޤްވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާގެ ކޮންފަރެންސް އަދި ޢާންމު ބައްދަލުވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ބައިވެރިވެވަޑައިގެންފައިވެއެވެ.