-
17 މާރިޗު 2026
ނަޢީމާ މުސާ މަރާލި މައްސަލާގައި ދަޢުވާލިބޭ ޙަސަން ފަވާޛްގެ ބަންދާ ގުޅޭ
6 އެޕްރީލް 2023 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ނ. މަނަދޫ، އަންނާރުމާގޭގައި، އެގޭ ނަޢީމާ މޫސާ މަރާލި މައްސަލާގައި، ނ. މަނަދޫ، ވިނަރެސް، ޙަސަން ފަވާޛްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާ 30 ނޮވެންބަރު 2023 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ.
ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މި މައްސަލައިގެ ތަޙުޤީޤު މަރުޙަލާއިން ފެށިގެން ޙަސަން ފަވާޛް ހުރީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ޖަލު ބަންދުގައެވެ.
ޙަސަން ފަވާޛްގެ ޞިއްޙީ ޙާލަތާ ގުޅިގެން އޭނާ ޖަލު ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ ގޮތެއްގައި ފަރުވާ ދިނުމަށް ހުރަސްއެޅެމުންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން 9 މާރިޗު 2026 ދުވަހު މި އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.
ޙަސަން ފަވާޛްގެ ބަލި ޙާލަތާ ގުޅިގެން ޑޮކްޓަރުން ދެއްވާފައިވާ ލަފަޔާއި، ބަލީގެ ޙައްސާސްކަމަށް ރިޢާޔަތްކޮށް، ޙަސަން ފަވާޛަށް ޤާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ލިބިދީފައިވާ ދިރިހުރުމުގެ ޙައްޤު ރައްކާތެރިކުރުމަށް އަޅާ ޚާއްޞަ ފިޔަވަޅެއްގެ ގޮތުން، އަންނަނިވި ޝަރުޠުތަކާއެކު އޭނާ ބަންދަށް ލުއިދިނުމަށް މި އޮފީހުން ކްރިމިނަލް ކޯޓުގައި އެދިފައިވާނެއެވެ.
1. ބަންދުން ދޫކޮށްލާފައި ހުންނައިރު ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުކުރުން އަދި އިތުރު ކުށެއް ނުކުރުން.
2. ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުވުން.
3. ބޭސްފަރުވާ ހޯދުމަށް ފިޔަވައި ރޭގަނޑު 18:00 އިން ހެނދުނު 8:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުން.
4. ބޭސްފަރުވާ ހޯދުމަށް އެހެން ތަނަކަށް ހާޒިރުވާންޖެހޭ ޙާލަތް ފިޔަވައި އެނޫން ހުރިހާ ޙާލަތެއްގައި، ކޮންމެ ދުވަހަކު ހެނދުނު 8:00 އާ 12:00 އާ ދެމެދުގެ ވަގުތެއްގައި އެންމެ ކައިރީ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރުން.
5. މާލެއިން ބޭރަށް ނުދިއުން.
6. މައްސަލާގައި ހެކިބަސްދޭނެކަމަށް ޤަބޫލުކުރެވޭ އެއްވެސް މީހަކާ މުޢާމަލާތު ނުކުރުމާއި، ބައްދަލު ނުކުރުމާއި، ހެކިންނަށް ނުފޫޒު ނުފޯރުވުން.
7. ފަރުވާ ހޯދަމުންދާކަމުގެ ލިޔެކިއުންތައް ކޮންމެ 15 ދުވަހަކުން އެއް ފަހަރު މި އޮފީހަށާއި، ކްރިމިނަލް ކޯޓާ ޙިއްޞާކުރަމުންދިއުން.
އިސްވެ ދެންނެވުނު ޝަރުޠުތަކަށް ޙަސަން ފަވާޛް އެއްބަސްވެފައިވާތީއާއި، އޭނާގެ ބަލި ޙާލަތަށް ރިޢާޔަތްކޮށް، މި އޮފީހުން އެދިފައިވާގޮތަށް ގޮތަށް ޙަސަން ފަވާޛް ޝަރުޠުކޮށްފައި ބަންދުންދޫކޮށްލުމަށް 17 މާރިޗު 2026 ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ.
ޙަސަން ފަވާޛްގެ މައްޗަށް ކޯޓުން ކޮށްފައިވާ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރަމުންދާކަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ދިވެހި ފުލުހުންގެ ޚިދުމަތުން ކަށަވަރުކުރަމުން ގެންދާނެއެވެ. އަދި ޙަސަން ފަވާޛްގެ މައްޗަށް ކޮށްފައިވާ ޝަރުޠަކާ ޚިލާފުވެއްޖެނަމަ، އަލުން ޖަލު ބަންދަށް ބަދަލުކުރުމަށް މި އޮފީހުން ކޯޓުގައި އެދޭނަމެވެ.
-
17 މާރިޗު 2026
ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ސާބިތުވި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާގައި ހިމެނޭ އެފް.އޭ.އެމްގެ 1 މިލިއަން ޑޮލަރުގެ ޗެކާ ގުޅޭ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުން
ގ. ފަހިވާގެ، ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް އެ ކޯޓުން ކަނޑައެޅިއިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 1000،000 USD (އެއްމިލިއަން ޑޮލަރު) ގެ ޗެކަކީ އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. ގެ އަމީން އެވެނިއު A1205 އަދި A1206 އެޕަރޓްމަންޓް ގަތުމަށް ބޭނުންކުރި ފައިސާކަން ސާބިތުނުވާކަމަށާއި، އެ ފައިސާއަކީ އެފް.އޭ.އެމްއާއި އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އާ ދެމެދު ކުރެވުނު ޑޮލަރު މާރުކުރުމުގެ މުޢާމަލާތެއްކަމަށް ސާބިތުވާކަމަށް ނިންމާފައިވެއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 1000،000 USD (އެއްމިލިއަން ޑޮލަރު) ގެ ޗެކަކީ ޑޮލަރު މާރުކުރުމުގެ މުޢާމަލާތެއްކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ކަނޑައަޅުއްވާފައިވަނީ ޤާނޫނީ ހަމަތަކާ ޚިލާފަށް ހެކި ވަޒަންކޮށްގެންކަމަށް މި އޮފީހުން ދެކޭތީއާއި، މި ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ގިނަ ޝަފަހީ ހެކިންގެ ހެކިބަސް ނުނެގުމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމަވާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް މި އޮފީހުން ދެކޭތީ، އެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މިއަދު އިސްތިއުނާފުކޮށްފީމެވެ.
މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާނީ، ދަޢުވާގެ އެ ބައި ސާބިތުކުރުމަށް ހުށަހެޅި އެންމެހައި ހެކިންގެ ހެކިބަސް ނަގައި، ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެކިތައް އަލުން ވަޒަންކޮށް، މި 1000،000 USD (އެއްމިލިއަން ޑޮލަރު) ގެ ޗެކާ ގުޅޭ މުޢާމަލާތަކީ މަނީ ލޯންޑްރިންގގެ ޢަމަލެއްކަމާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ދަށު ކޯޓަށް ތަޙުވީލުކޮށްދިނުމަށެވެ.
ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގގެ ކުށުގެ މި ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކަށް މި އިސްތިއުނާފާ ގުޅިގެން އަސަރެއް ނުކުރާނެއެވެ. ސަބަބަކީ، ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ސާބިތުވެފައިވާ ދަޢުވާގައި އެފް.އޭ.އެމްގެ އެހެން ޗެކްތަކާއި ފައިސާ ހިމެނޭއިރު، އެ ފައިސާ ލޯންޑަރކޮށްފައިވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށް މި އިސްތިއުނާފުގައި ތަޢުނުކޮށްފައިނުވާނެތީއެވެ.
މި 1000،000 USD (އެއްމިލިއަން ޑޮލަރު) ގެ ޗެކާ ގުޅިގެން އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. ގެ މައްޗަށް އުފުލި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް އެ ކޯޓުން ނިންމި ނިންމުން 2 މާރިޗު 2026 ގައި މި އޮފީހުން ވާނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
-
16 މާރިޗު 2026
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ މައްޗަށް ދަޢުވާ އުފުލުން
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ މައްޗަށް އަންނަނިވި ދަޢުވާތައް ކުރުމަށް 16 މާރިޗު 2026 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.
1. ޤާނޫނު ނަންބަރު: 12/2009 (ކުޑަކުންދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ.
ދަޢުވާކުރާ ސަބަބު: ކުޑަ ކުއްޖެއްގެ ޢުމުރުން 7 އަހަރު ވުމުގެ ކުރިން ފެށިގެން 2025 އޮގަސްޓު މަހާ ހަމައަށް، އެކި ދުވަސް މަތިން، އެކި ތަންތަނުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް، އެ ކުއްޖާގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލާފައިވާތީ.
އަދަބު: 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން.
2. ޤާނޫނު ނަންބަރު: 12/2009 (ކުޑަކުންދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ.
ދަޢުވާކުރާ ސަބަބު: ކުޑަ ކުއްޖެއްގެ ޢުމުރުން 10 ނުވަތަ 11 އަހަރުގައި އެކުއްޖާ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލާފައިވާތީ.
އަދަބު: 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން.
3. ޤާނޫނު ނަންބަރު: 12/2009 (ކުޑަކުންދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ.
ދަޢުވާކުރާ ސަބަބު: ކުޑަ ކުއްޖެއްގެ ޢުމުރުން 9 ނުވަތަ 10 އަހަރުގައި އެކުއްޖާ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލާފައިވާތީ.
އަދަބު: 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން.
4. ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 530 ވަނަ މާއްދާގެ ދަށުން ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ.
ދަޢުވާކުރާ ސަބަބު: ޙުސައިން ސަނީ ޢުމަރުގެ ފޯނުގައި މައްސަލައާ ގުޅޭ ހެކި ޤަރީނާ ހުރިކަމަށް ތުހުމަތުކުރެވިގެން، ކްރިމިނަލް ކޯޓުން މީނާގެ ފޯނު ފުލުހުންނާ ހަވާލުކުރުމަށް އަމުރުކޮށްފައިވަނިކޮށް، މީނާގެ ފޯނު ގެއްލިފައިވާކަމަށް ބުނެ އެ ފޯނު ފުލުހުންނާ ހަވާލުކޮށްފައިނުވާތީ.
އަސާސީ އަދަބު: 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން.
5. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 521 ވަނަ މާއްދާގެ ދަށުން ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ.
ދަޢުވާކުރާ ސަބަބު: ޙުސައިން ސަނީ ޢުމަރު ގެންގުޅުނުކަމަށް ބެލެވޭ ފޯނުގައި ބޭނުންކުރާ ސިމް ނަންބަރާއި ސިމްގެ ބާވަތާ ގުޅޭގޮތުން ފުލުހުންނަށް ދޮގު މަޢުލޫމާތު ދީފައިވާތީ.
އަސާސީ އަދަބު: 4 މަހާއި 24 ދުވަހަށް ޖަލަށްލުން.
މި މައްސަލާގައި ކޮށްފައިވާ ދަޢުވާތައް ސާބިތުވާ ޙާލަތުގައި ޤާނޫނުގައި ކުށަށް ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅުއްވައިދެއްވުމަށް މި އޮފީހުން ކޯޓުގައި އެދޭނަމެވެ. އެ ޙާލަތުގައި މީނާގެ މައްޗަށް މަދުވެގެން 44 (ސާޅީސް ހަތަރެއް) އަހަރުގެ ޖަލު އަދަބެށް ކަނޑައެޅޭނެއެވެ.
މި މައްސަލައާ ގުޅިގެން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޙުސައިން ސަނީ ޢުމަރު 2 ޖަނަވަރީ 2026 އިން ފެށިގެން ހުރީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ.
ޕީޖީ އޮފީހުގެ ވިކްޓިމް ސަޕޯޓް ނިއުސްލެޓަރ "ނިޔާވެހި" އިފްތިތާޙްކުރުން
04 ޖޫން 2024