ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2026/SC-A/09 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު) ޤަޟިއްޔާގެ ނިންމުމުގައި، ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ރައްކާތެރިކުރެވޭ ލިޔުންތައް ކޯޓުގައި ބަލައި ދިރާސާކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކޯޓުތަކަށް ދަތިވާނަމަ، ކަނޑައެޅޭ ހަރުދަނާ އުޞޫލުތަކާއި، ޝަރުޠުތަކާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ނުވަތަ ކޯޓަށް ޤަބޫލުކުރެވޭ ދައުލަތުގެ އިދާރާއެއްގައި އެ އިންތިޒާމު ހަމަޖެއްސުމަށް އެންގުމުގެ އިޚްތިޔާރު މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން، އިސްވެ ދެންނެވުނު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ މަޤްޞަދު ޙާޞިލުވާނޭހެން، ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން މައްސަލަ ބައްލަވާ ފަނޑިޔާރު ކަނޑައަޅުއްވާ ޝަރުޠުތަކާއެކު ބަލައި ދިރާސާކުރުމުގެ ފުރުޞަތު ދިފާއަށް ލިބިދޭ ލިޔުންތައް، ފަސޭހަ އަދި ލުއި އިންތިޒާމެއްގެ ދަށުން ބެލޭނެ އިންތިޒާމު 26 އެޕްރީލް 2026 އިން ފެށިގެން މި އޮފީހުން ހަމަޖައްސައިފީމެވެ.
މިކަން ކުރިއަށްގެންދާނީ "ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ޝަރުޠުތަކާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހެކިތައް ބަލައި ދިރާސާކުރުމުގެ ފުރުޞަތު ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
މި އުޞޫލުގެ ދަށުން، ދަޢުވާލިބޭ ފަރާތަށް ލިޔުންތައް ދެއްކުމުގެ އިންތިޒާމު މި އޮފީހުން ހަމަޖެއްސުމަށް ކޯޓަކުން އަމުރުކޮށްފިނަމަ، އެ އިންތިޒާމު ހަމަޖެއްސުމަށް އެދި ހުށަހަޅާނީ މިކަމަށް ޚާއްޞަކޮށްފައިވާ، އިސްވެ ދެންނެވުނު އުޞޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ "ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހެކި ބަލައި ދިރާސާކުރުމަށް އެދި ހުށަހަޅާ ފޯމު" އިންނެވެ.
އިސްވެ ދެންނެވުނު އުޞޫލާއި، ފޯމު މި އޮފީހުގެ ވެބްސައިޓް www.pgoffice.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
މި އުޞޫލުގެ ދަށުން ދިރާސާކުރުމުގެ ފުރުޞަތު ދެވޭނީ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ހެކިތައް، އެކަމަށް ޚާއްޞަކުރެވިފައިވާ ތަނެއްގައި، އެ އަމުރުގައި ބަޔާންކޮށްފައިވާ މިންވަރަށެވެ.