މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ މައްސަލަތަކާ ވިދިގެން ދިވެހިރާއްޖެއަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް ދިވެހި ދައުލަތުން އަޅާފައިވާ ފިޔަވަޅުތަކުގައި ބައިވެރިވުމުގެ ގޮތުން، މި އޮފީހުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ނިންމަވާފައެވެ. އެގޮތުން 7 އެޕްރީލް 2026 އިން ފެށިގެން 31 މޭ 2026 ގެ ނިޔަލަށް އަންނަނިވި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވެއެވެ.
1. ކޮންމެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއް ގޮތުގައި ހަމަޖެއްސުން
2. ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުން
3. އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމާއި، ކަރަންޓު ބޭނުންކުރުން މަދުކުރުން
4. ކަރުދާސް ބޭނުންކުރުން މަދުކުރުން
5. އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރުން
މި މުއްދަތުގައި ކޮންމެ އަންގާރަ ދުވަހަކު މި އޮފީހުގެ މުވައްޒަފުން ޢާންމު އުޞޫލެއްގެ ގޮތުން ގޭގައި ތިބެގެން މަސައްކަތްކުރި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރަމުން ގެންދާނެއެވެ. އަދި ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިވަމުން ގެންދާނެއެވެ. ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަވުންތަކާއި، އޮންލައިންކޮށް ކުރިއަށްގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެކަމަށް ބެލެވޭ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށް ގެންދާނެއެވެ.
މި އޮފީހުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވެންހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ބާރުއެޅުމާއި، އޮފީސް ބަންދުކުރާ ގަޑި 18:00 އަށް އަވަސްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި، މި އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް ކަރުދާސް ބޭނުންކުރުން ހުއްޓާލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މި އޮފީހުން ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް މި މުއްދަތުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށްވެސްވަނީ ހަމަޖެހިފައެވެ.
މި ބަދަލުތަކުގެ ސަބަބުން މި އޮފީހުން ޢާންމުންނަށް ނުވަތަ އިދާރާތަކަށްދޭ ޚިދުމަތްތަކަށް އެއްވެސް އުނިކަމެއް ނުވަތަ ލަސްކަމެއް ނާންނާނެއެވެ. މި މުއްދަތުގައިވެސް، އަދި އަބަދުވެސް online.pgo.mv މެދުވެރިކޮށް މި އޮފީހުގެ ޚިދުމަތްތައް ހޯއްދެވުމަށް އެންމެހައި ރައްޔިތުންނާއި އިދާރާތަކަށް މި އޮފީހުން ބާރުއަޅަމެވެ.