ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުމާ ގުޅިގެން ކޮށްފައިވާ ދަޢުވާތައް މުރާޖަޢާކުރުން

ޑައުންލޯޑް

21 ޖޫން 2022 ދުވަހު، ބައިނަލްއަޤްވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަހައްދުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ކޮށްފައިވާ ދަޢުވާތައް މުރާޖަޢާކޮށްދެއްވުން އެދި، ދަޢުވާލިބޭ ފަރާތްތަކުން މި އޮފީހަށް ހުށަހަޅާފައިވެއެވެ.

މި މައްސަލާގައި ކޮށްފައިވާ ދަޢުވާތައް މުރާޖަޢާކުރުމަށްފަހު، ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ހެކި ޤަރީނާ ލިބިފައިވާ މީހުން ފިޔަވައި، އެހެން މީހުންގެ މައްޗަށް ކޮށްފައިވާ ދަޢުވާތަށް އިތުރަށް ކުރިއަށް ނުގެންދިއުމަށާއި، މި މައްސަލާގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 32/2015) އާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި، ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 17/2010) ގެ ދަށުން ކޮށްފައިވާ ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް މި އޮފީހުން ވާނީ ނިންމާފައެވެ.

ދަޢުވާތަށް މުރާޖަޢާކުރުމުގައި، މި ކުށުގެ އަމަލު ހިނގައިދިޔައީ ޔޯގާ ދުވަހުގެ ހަރަކާތް ހިންގުމާމެދު އުފެދުނު ޖަޒުބާތުތަކެއްގެ ތެރެއިންކަމަށްވުމާއި، މި މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވި އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުމާއި، ދަޢުވާލިބޭ ފަރާތްތަކަކީ ކުށުގެ ވެށީގައި އުޅޭ ބަޔަކަށް ނުވުމާއި، ދަޢުވާލިބޭ ފަރާތްތަކުން މުޖުތަމަޢުގައި އަދާކުރާ ދައުރަށް ރިޢާޔަތްކޮށްފައިވާނެއެވެ.

މި ނިންމުމުގެ ނަތީޖާއެއްގެ ގޮތުން މި މައްސަލާގައި ދެން ކޯޓުގައި ކުރިއަށްދާނީ ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ހެކި ޤަރީނާ ލިބިފައިވާ މީހުން މައްޗަށް ކޮށްފައިވާ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާތަކެވެ.