-
15 އޮކްޓޫބަރު 2025
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑު މައްސަލައެއްގެ އިސްތިއުނާފު ރަޖިސްޓްރޭޝަން ފީ މި އޮފީހުން ނުދެއްކިކަމަށް ބުނާ މައްސަލަ
ސ. ހުޅުދޫ، ދޭލިޔާގެ، ޢިރުފާން ތަޤިއްޔުގެ މައްޗަށް ރައްދުވާގޮތަށް މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ ރަޖިސްޓްރޭޝަން ފީ ދައްކާފައިނުވާތީކަމަށް ބުނެ ރަޖިސްޓްރަރގެ ނިންމުމުން މައްސަލަ ބަލައިގަނެވެން ނެތްކަމަށް ނިންމާފައިވެއެވެ.
މިއީ 2020 ވަނަ އަހަރުގެ ނޮވެންބަރު އަދި ޑިސެންބަރު މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކްކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ޢިރުފާން ތަޤިއްޔުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ސާބިތު ނުވާކަމަށް އެ ކޯޓުން ޙުކުމްކުރުމުން މި އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައެކެވެ.
މި އިސްތިއުނާފު ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަތުމަށް ނިންމައި، އިސްތިއުނާފު ރަޖިސްޓްރީކުރުމަށްޓަކައި ދަންކަންޖެހޭ ފީ ދެއްކުމަށް އަންގާ ލިޔުން 5 އޮކްޓޫބަރު 2025 ގައި މި އޮފީހަށް މެއިލްކުރިކަމަށް ހައިކޯޓުގެ ރަޖިސްޓްރަރގެ ނިންމުމުގައި ބަޔާންކޮށްފައިވީނަމަވެސް، އީމެއިލް މި އޮފީހުގެ ކަނޑައެޅިފައިވާ އީމެއިލްއަށް ލިބިފައިނުވެއެވެ.
އެފަދަ ލިޔުންތައް މިއޮފީހަށް ފޮނުވުމަށް ކަނޑައެޅިފައިވާ އީމެއިލްއަށް އެ ދުވަހާއި ޖެހިގެން އައި ދުވަހުވެސް ހައިކޯޓުން އެކި އީމެއިލްތައް ކޮށްފައި ހުރިނަމަވެސް، ޢިރުފާން ތަޤިއްޔުގެ މައްޗަށް ރައްދުވާ އިސްތިއުނާފު މައްސަަލައާ ގުޅޭ އީމެއިލް ލިބިފައި ނުވާކަން ފާހަގަވެއެވެ.
އެހެންކަމުން މި ނިންމުން މުރާޖަޢާކުރުމަށް މި އޮފީހުން ހުށަހަޅާނަމެވެ. އަދި މި ނިންމުމަކީ ހައިކޯޓުން އިސްވެ މުރާޖަޢާކުރަންޖެހޭ ނިންމުމެއްކަމަށް ދެކެމެވެ.
-
18 ސެޕްޓެންބަރު 2025
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށަހެޅި މީހުންނަށް ޕޮއިންޓު ދިނުމުގައި އުޞޫލާ ޚިލާފަށް ޢަމަލުކޮށްފައިވާ މައްސަލަ
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން 27 ޖޫން 2022 ދުވަހު ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމާއި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށް ކުރި ޢިއުލާނާއި، "ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ދޫކުރުމުގެ އުސޫލު" އާ ޚިލާފަށް، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ބައެއް ފަރާތްތަކަށް ފޮއިންޓު ދީ، ފްލެޓް ލިބުމަށް ޝަރުޠު ފުރިހަމަނުވާ ފަރާތްތަކެއް، ފްލެޓް ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމަނާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދަޢުވާ ކުރުމަށް 10 ސެޕްޓެންބަރު 2025 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.ދަޢުވާ: ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ ދަށުން، ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.ދަޢުވާލިބޭ ފަރާތްތައް:- މިނިސްޓަރ އޮފް ސްޓޭޓް ފޯރ ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމާއި، ގެދޮރުވެރިން ކޮމިޓީގެ ޗެއަރމަންގެ މަޤާމުގައިހުރި މއ. އެވަރލާސްޓް، އަކްރަމް ކަމާލުއްދީން.
- މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަދި ގެދޮރުވެރިން ކޮމިޓީގެ މެންބަރު، ހއ. އިހަވަންދޫ، ނެދުންގެ، މުޙައްމަދު ޢާރިފް.
- މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރ ޖެނެރަލްގެ އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި، މއ. އިހާދޫ، އަޙްމަދު ވިޝާން ނަސީމް.
- މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި، މއ. ވިރާޙް، ޟިރުޣާމް ވަޙީދު.
މި މައްސަލައަކީ ދައުލަތުގެ މާލިއްޔަތާއި، ޢާންމު ފަރުދުންގެ މަޞްލަޙަތާ ގުޅުންހުރި ތަޙުޤީޤުތައް އަވަސްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރުގެ ދަށުން ތަޙުޤީޤު އަވަހަށް ކުރިއަށްގެންގޮސްފައިވާ މައްސަލައެކެވެ.މި މައްސަލައާ ގުޅުންހުރި އިތުރު ބައިތައް މި އޮފީހުގެ ލަފާއާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ. އެބައިތައް އެކަށީގެންވާ ވަރަށް ތަޙުޤީޤުކުރެވުމުން، ދަޢުވާކުރުމާމެދު މި އޮފީހުން ގޮތެއް ނިންމާނަމެވެ.* މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމުގެ މާނައަކީ އޭނާ ކުށްވެރިވުމެއް ނޫނެވެ. ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ. -
01 ސެޕްޓެންބަރު 2025
ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލުން
މި އަހަރުގެ މޭ މަހުގެ 10 އިން 12 އަށް ވިލާ ނޯޓިކާގައި ކުރިއަށްގެންދިޔަ ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ކޮންފަރެންސްއަކީ ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑު (ޔުނިސެފް) ގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު މި އޮފީހުން ރާވައި އިންތިޒާމުކުރި ކޮންފަރެންސްއެކެވެ.
މި ކޮންފަރެންސްގައި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅުންހުރި ދައުލަތުގެ ހުރިހާ އިދާރާތަކުން ބައިވެރިވެފައިވެއެވެ. މި ކޮންފަރެންސްގެ މައިގަނޑު ބަޔަކީ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކުން މި ކޮންފަރެންސްއަށް ތައްޔާރުކޮށްފައިވާ ދިރާސީ ކަރުދާސްތައް ހުށަހަޅައި، އެ ކަރުދާސްތަކާމެދު މަޝްވަރާކުރުމެވެ.
މިއަދު މި ކޮންފަރެންސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި މި ދިރާސީ ކަރުދާސްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "މަލްޓި-އިންސްޓިޓިއުޝަނަލް ރިސާރޗް އިންޓު ޖުވެނައިލް ޖަސްޓިސް" ފޮތް ރަސްމީކޮށް ޝާއިޢުކޮށްފައިވާނެއެވެ.
މި ފޮތް ނެރުއްވައިދެއްވީ ޔުނިސެފްގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް ޑރ. އެޑްވާރޑް އެޑާއިއެވެ.
މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދެވެ.
ކޮންފަރެންސާ ގުޅޭ އެންމެހައި މަޢުލޫމާތު، ކޮންފަރެންސް ވެބްސައިޓުން ފެނިވަޑައިގަންނަވާނެއެވެ. އަދި ދިރާސީ ކަރުދާސް ފޮތް މި އޮފީހުގެ "ލެތުން" ވެބްސައިޓުގައި ޝާއިޢުކޮށްފައިވާނެއެވެ.