30 އެޕްރީލް 2024
ޕްރޮސިކިއުޓަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ކުރާ މަސައްކަތުގެ ތެރޭގައި، މަހަކު އެއްފަހަރު ބާއްވާ "އެޕަލް މީޓިންގް" ގައި މިމަހު ބައިވެރިވެވަޑައިގެންނެވީ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލާ އިޒްމީރާ ޝިހާމެވެ. ހިއުމަން ރިސޯސް ދާއިރާގެ ތަޖުރިބާކާރު، އިޒްމީރާއަކީ، ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި ދައުލަތުގެ އިދާރާތަކުގައި، ގިނަ ދުވަސްތަކެއް ވަންދެން، އިސް މަޤާމުތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވުމުގެ ކުރިން ހުންނެވީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމުގައެވެ.
ފިރިހެނުން ގިނަ، ޤާނޫނީ ދާއިރާގެ އެންމެ ބޮޑު، އަދި އެންމެ މުހިންމު ދެ މުއައްސަސާއެއްގެ އިދާރީ މަސައްކަތުގެ އެންމެ އިސް މީހެއްގެ ހައިސިއްަޔަތުން، އިޒްމީރާއަށް ކުރެއްވުނު ތަޖުރިބާތައް އެކަމަނާ ޙިއްސާކޮށްދެއްވިއެވެ. ޤާނޫނީ ދާއިރާގެ ތަޖުރިބާ ނެތި، ޤާނޫނީ ދާއިރާގެ އެންމެ މުހިންމު އިދާރާތަކުގެ އިސް ދައުރެއް އަދާކުރެއްވުމަށް، އެ ދާއިރާއާބެހޭ ޤާނޫނުތައް އަމިއްލަފުޅަށް ކިޔުއްވައި، ދިރާސާ ކުރައްވައި، އެކަމުގެ ތަފްޞީލުތަކަށް ވަޑައިގެންނެވި ގޮތް އެކަމަނާ ވިދާޅުވެދެއްވިއެވެ. މިހާތަނަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ ހުރިހާ ނިންމުމެއް ތަރުތީބުކުރައްވައި، އެ ހުރިހައި ނިންމުމެއް އަމިއްލަފުޅަށް ދަސްފުޅު ކުރެއްވި ގޮތާއި، ކޮމިޝަނުގެ ޖަލްސާތައް ބޭއްވުމުގެ އިންތިޒާމުތައް ހަރުދަނާ ކޮށް ލުއިފަސޭހަ ކުރެއްވި ގޮތާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންނަށް، ޢާއިލާއާއެކު ވަގުތު ހޭދަކުރަން ފަހިކޮށްދެއްވަން ކުރެއްވި މަސައްކަތްޕުޅުވެސް ވިދާޅުވެދެއްވިއެވެ.
މިދާއިރާގައި ކުރިއަށް ދިއުމަށް އަންހެނުްނަށް ހުރި ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ގިރާކުރައްވާނެ ގޮތާބެހޭ އަމިއްލަފުޅު ތަޖުރިބާތައް ޙިއްސާ ކުރެއްވިއެވެ. އެކަމަނާގެ ދައުރުގައި ޖޭއެސްސީއަށް ގެންނެވި އިންޤިލާބީ ބަދަލުތަކަކީ މިއޮފީހުން އުފަލާއެކު ފާހަގަކުރާކަމެކެވެ. އިޒްމީރާގެ ތަޢުލީމާއި ތަޖުރިބާގެ ސަބަބުން މިދާއިރާއަށް ލިބެމުންދާ ކުރިއެރުމަށް މިއޮފީހުންވެސް ފަޚުރުވެރިވެއެވެ. އެކަމަނާ ވިދާޅުވިގޮތަށް، އެކަމަނާ ނުކުމެވަޑައިގެންނެވީ، އެކަމަނާ ގުޅިވަޑައިގެންނެވި ޖޭއެސްސީއަކުން ނޫނެވެ. ޖޭއެސްސީއަށް ގެންނަވާފައި އޮތީ އާދަޔާ ޚިލާފު ކުރިއެރުމެވެ. އަޅުގަނޑުމެންގެ އުއްމީދަކީ އެކަމަނާ މިހާރު މަސައްކަތްކުރައްވާ ސުޕްރީމް ކޯޓުގައި އެކަމަނާއަށް އިތުރު ކާމިޔާބާއި ފާގަތިކަން މާތްﷲ މިންވަރު ކޮށްދެއްވުމެވެ. އިޒްމީރާއަކީ މިދާއިރާއަށް ލިބުނު ޖަވާހިރެކެވެ.
25 އެޕްރީލް 2024
17 އެޕްރީލް 2024
ކޮންމެ ތިންމަހުން އެއްމަހު ނެރޭ، ޕީޖީ އޮފީހުގެ ނިއުސްލެޓަރ، ޢުންޞުރު ގެ 6 ވަނަ ޢަދަދު އެޕްރީލް 1 ވަނަ ދުވަހު ނެރެފީމެވެ. މިފަހަރުގެ ޢަދަދުގައި؛
ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމާބެހޭ ޤާނޫނީ ހަމަތަކާއި، ހަރުކަށި ފިކުރު ނުރައްކާވާ ސަބަބުތަކާއި، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާގުޅޭ ޤާނޫނީ ސުވާލުތަކާއި، ޑީއެންއޭ ހެކި ހޯދައި، ޝަރީޢަތުގައި ބޭނުންކުރުމާބެހޭ ޤާނޫނީ މައުޟޫޢުތަކަށް ލިޔެފައި ހުރި ލިޔުންތައް ހުންނާނެއެވެ. މީގެ އިތުރުން، މިއޮފީހުގެ އިދާރީ ހިންގުން ހަރުދަނާކޮށް، މިއޮފީހުން ޢާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްކުރުމަށްޓަކައި، މިއޮފީހުގެ ރަސްމީ އާކައިވްސް، ފުވައްމުލަކު ސިޓީއަށް ބަދަލުކުރި ގޮތާއި، އެކަމާބެހޭ އިދާރީ ތަރުތިބުތައް ހުރި ގޮތުގެ ވާހަކަތައްވެސް ލިޔެފައި ހުންނާނެއެވެ.
މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި، މިއޮފީހުގައި އޮތް ޙަފްލާއަކަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު، އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ވަޑައިގެން ދެއްކެވި މުހިންމު، ޢިބުރަތްތެރި ވާހަކަފުޅުތަކުގެ ޚުލާޞާއެއްވެސް މި ފަހަރުގެ ޢަދަދުގައި އޮންނާނެއެވެ. އެމަނިކުފާނުންގެ އިރުޝާދަކީ، އިޙްތިރާމާއެކު، އެކު އުޅުމުން އުފެދޭ ލޯބި އިތުރުކޮށް، ޙަޔާތުގައި ދިމާވާ ކަންކަމުގައި ކެތްތެރިކަން އިސްކުރުމެވެ. އެމަނިކުފާނަށް މިއޮފީހުން ފޮނުވި ޝުކުރުގެ ސިޓީއެއްގެ ނަކަލެއްވެސް މިފަހަރުގެ ޢުންޞުރުގައި ޝާއިޢުކޮށްފައިވާނެއެވެ.
ޢުންޞުރުގެ 6 ވަނަ ޢަދަދު، މި ލިންކުން ވިދާޅުވެވޭނެއެވެ.