• 16 އޮކްޓޫބަރު 2023

    މަޢުލޫމާތު ހާމަކުރުރުން އައު އުސްމިންތަކަކަށް: ޕީޖީ އޮފީހުގެ މީޑިއާ ވެބްސައިޓް

    ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރާ މަސައްކަތްތައް، ނޫސްވެރިން މެދުވެރިކޮށް ޢާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، މީޑިއާއަށް ޚާއްޞަ ވެބްސައިޓެއް ތަޢާރަފްކޮށްފީމެވެ. މި ވެބްސައިޓުގައި އަންނަނިވި ބައިތައް ހިމެނޭނެއެވެ.

    ޚަބަރުފީތާ: ޕީޖީ އޮފީހުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އުޅުމުގެ ބަދަލުގައި، މިއޮފީހުން ބުނަން ބޭނުންވާ ވާހަކަތައް، ޚަބަރު ފީތާގައި ޝާއިޢުކުރާނެއެވެ. ޚަބަރު ފީތާގެ ލިންކު އެކި ތަންތަނުގައި ޙިއްސާ ކުރެވޭގޮތަށް ހަމަޖެހިފައި ހުންނާނެއެވެ. މީގެ ބޭނުމަކީ، މިއޮފީހުން ބުނާ އެއްޗެއްގެ އަޞްލު މަޞްދަރު، މިއޮފީހުން ކޮންޓްރޯލްކުރާ ޕްލެޓްފޯމެއްގައި، ޢާންމުންނަށް ފެންނާނޭހެން ބޭއްވުމެވެ. ބަހާއި މާނަފުރޮޅުމުގެ ޝިކާރައަކަށް ޕީޖީ އޮފީސް ނުވުމެވެ. 

    ޢާންމު ޝައުޤު: މުޖްތަމަޢުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ އަދި ޢާންމު ރައްޔިތުންގެ މެދުގައި ޚާއްޞަ ޝައުޤެއް އުފެދިފައިވާ މައްސަލަތަކުގައި، އެމައްސަލައެއް މިއޮފީހަށް ލިބުނު ތާރީޚާއި، ކޯޓަށް ހުށަހެޅި ތާރީޚާއި، ކުރާ ދައުވާއާއި ދައުވާ ކުރާ ސަބަބާއި އެމައްސަލައިގެ ޝަރީޢަތްތައް ތާވަލުކުރަމުންދާގޮތް އެނގޭނޭހެން، ހުރިހާ މަޢުލޫމާތެއް "ޢާންމު ޝައުޤު" ޕޭޖުގައި ޝާއިޢުކުރަމުންދާނެއެވެ.

    ޢުންޞުރު: މިއޮފީހުގެ ނިއުސްލެޓަރގެ ހުރިހާ ނުސްޚާތަކެއް، އެއްތަނަކުން ފެންނާން ހުންނާނެއެވެ.

    ނޫސްބަޔާން: އެކި ކަންކަމުގައި ނެރޭ ނޫސްބަޔާންތައް ފެންނަން ހުންނާނެއެވެ.

    ފޮޓޯ ގެލަރީ: އެކި މުނާސަބަތުތަކުގައި ނަގާ ފޮޓޯތައް ވެބްސައިޓުގައި ހުންނާނެއެވެ.

    "ޕީޖީއާއެކު 12 މިނިޓް": ޕީޖީ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާގެ ދިވެހިރާއްޖޭގެ އަޑާ ގުޅިގެން ކުރިއަށްގެންދާ "ޕީޖީއާއެކު 12 މިނިޓް" ޕްރޮގްރާމްގެ ހުރިހާ ރެކޯޑިންގެއްވެސް ވެބްސައިޓަށް އަޅަމުން ގެންދާނަމެވެ.

     

    https://media.pgoffice.gov.mv/newsletter/9/article/50