• 03 އޮކްޓޫބަރު 2023

    ޕީޖީ ޙުސައިން ޝަމީމު, ބައިނަލްއަޤްވާމީ ޕްރޮސިކިއުޓަރުންގެ މަހާސިންތާގައި ތަޤުރީރުކުރައްވައިފި

    އިންގިރޭސި ވިލާތުގެ ލަންޑަންގައި ކުރިއަށްދިޔަ ބައިނަލްއަޤްވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާގެ އަހަރީ މަހާސިންތާގައި ޕްރޮސިކިއުޓަރ އަލްއުސްތާޛް ޙުސައިން ޝަމީމު ބައިވެރިވެވަޑައިގެންފިއެވެ.

    މި ސެޕްޓެންބަރު މަހުގެ 24 އިން 27 އަށް ކުރިއަށްގެންދިޔަ ބައިނަލްއަޤްވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާގެ ކޮންފަރެންސް އަދި ޢާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމު ވަނީ މި އޮފީހުން ޢާންމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް އަލަށް ފަށާފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ.

    އެގޮތުން މި އޮފީހުގެ ތަފާސް ހިސާބު ވަގުތުން ވަގުތަށް ބަލާލެވޭ ވެބްސައިޓް "އާމަހި" ގެ މަޢުލޫމާތާއި, މި އޮފީހުން އަލަށް ތަޢާރަފުކުރި މީޑިއާ ވެބްސައިޓްގެ މަޢުލޫމާތާއި އޭގައިހިމެނޭ ޚާއްޞަ ފީޗަރތަކުގެ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. އެފަދަ ވެބްސައިޓްތައް އެހެން ޤައުމުތަކުގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ބޭނުންކުރެވިދާނެ ގޮތްތައް ބަޔާންކުރެއްވިއެވެ.

    މި އޮފީހުގެ "އާމަހި" ވެބްސައިޓްގެ ޚާއްޞަކަމަކީ ވަގުތުން ވަގުތަށް އަޕްޑޭޓް ވެފައިވާ ތަފާސްހިސާބު ލިބެންހުރުމެވެ. އެ ވެބްސައިޓަކީ މި އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމުން އޮޓަމެޓިކުން ޖެނެރޭޓް ކުރާ މަޢުލޫމާތުކަމަށްވާތީ, އޭގައި ހިމެނޭ މަޢުލޫމާތަށް އުނި އިތުރު ނުގެނެވުމެވެ. 

    މީޑިއާ ވެބްސައިޓުގެ ޚާއްޞަކަމަކީ ވައިބަރ ގުރޫޕާއި އެހެނިހެން މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ނޫސްވެރިންނާ ޙިއްޞާކުރާ މަޢޫލޫމާތު ޢާންމުންނަށްވެސް ފެންނަގޮތް ހެދުމެވެ. އެހެން ހެދުމުން މި އޮފީހުން ދޭ މަޢުލޫމާތަށް ބިނާކޮށް ނޫސްތަކުގައި ލިޔެ ޝާއިޢުކުރާ ޚަބަރުގެ ތެދު ދޮގު, އަދި މި އޮފީހުން އަސްލު ދިން މަޢުލޫމާތަކީ ކޮބާކަން ކޮންމެ މީހަކަށްވެސް ބަލާލެވުމެވެ. އަދި އަމިއްލަ އެކި ފަރާތްތަކުން ހިންގާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ރަސްމީ މަޢުލޫމާތު ޝާއިޢުކުރުމުން އެތަކެތި ބެލެހެއްޓި ރެކޯޑު ނުކުރެވޭނެތީ, އެކަން ކުރެވޭނެ ހަރުދަނާ ޕްލެޓްފޯމެއް ޤާއިމުކުރުމެވެ.

    މި ކޮންފަރެންސްގެ ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ މި އޮފީހުން އޮންލައިންކޮށް ދޭ ޚިދުމަތްތަކުގެ މަޢުލޫމާތު ބައިވެރިންނާ ޙިއްޞާކުރައްވާފައެވެ. އެގޮތުން އޮންލައިންކޮށް ސިޓީ ފޮނުވުމާއި, ކުށުގެ ރެކޯޑަށް އެދުމާއި, އެމީހެއްގެ މައްސަލައިގެ މަޢުލޫމާތާއި މައްސަލަ އޮތް ހިސާބެއް އޮންލައިންކޮށް ބަލާލެވޭނެ ނިޒާމުގެ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ.

    މީގެ އިތުރުން ޖިނާއީ މައްސަލަތަކުގައި ވިކްޓިމުންނަށްވާ މީހުންނަށް, އެމީހުންގެ މައްސަލައިގެ މަޢުލޫމާތު އޮންލައިންކޮށް ބަލާލެވޭގޮތަށް ތަޢާރަފުކޮށްފައިވާ ވިކްޓިމް ޕޯޓަލްގެ މަޢުލޫމާތުވެސް ޙިއްޞާކުރެއްވިއެވެ.

    ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމު ވަނީ ހާމަކަމާއި ދެފުއްފެންނަ ގޮތަށް, ޢާންމުންނަށް ފަސޭހަކަމާއެކު މަޢުލޫމާތު ހޯދޭނެ ނިޒާމަކުން ޕްރޮސިކިއުޝަންގެ މަސައްކަތް ބައްޓަންކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

    ލަންޑަންގައި ކުރިއަށްގެންދިޔަ "އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓަރސް" ގެ އަހަރީ ކޮންފަރެންސާއި, ޢާންމު ބައްދަލުވުމުގެ މި އަހަރުގެ މަޢުޟޫއަކީ ކުށްކުރުމުގެ އާދަތަކަށް އަންނަ ބަދަލުތަކާއި އެކަމަށް ހުރި ޙައްލުތަކެވެ. ކުށްކުރުމުގެ އާދަތައް ބަދަލުކުރުމުގައި ހާމަކަންބޮޑު ސިޔާސަތެއް ގެންގުޅުމުގެ މުހިންމުކަމުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާހަކަފުޅުގައި އައި އަޅުއްވާލެއްވިއެވެ.

    މި ބައްދަލުވުމުގެ ހަވާސާގައި އެހެންޤައުމުތަކުގެ ޕްރޮސިކިއުޝަންގެ ވެރިންނާއެކު ކުރިއަށްގެންދިޔަ ބައްދަލުވުންތަކުގައި އެ ޤައުމުތަކުންވަނީ މި އޮފީހުން އަލަށް ތަޢާރަފުކުރި ޕްލެޓްފޯމްތަކަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އަދި އެފަދަ މަސައްކަތްތަކުގައި މި އޮފީހުގެ ފަންނީ އެހީތެރިކަން ދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ. 

     މި މަހާސިންތާގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމުގެ އަރިހުގައި ޕަބްލިކް ޕްރޮސިކިއުޓަރ ފާތިމަތު މީޝާއާއި, ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ ފާޠިމަތު ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.