-
23 އޮގަސްޓް 2023
ޝިޢާޢު މުޙައްމަދު ސަޢީދު މަރާލި މައްސަލައިގެ ދަޢުވާތަކާއި އަޑުއެހުންތަކުގެ ފަހުގެ މަޢުލޫމާތު
06 އޮގަސްޓު 2022 ދުވަހު ހ. ޝީރީންވިލާގޭގައި, ތޫނުއެއްޗަކުން ޙަމަލާދީ އަންހެނަކު މަރާލި މައްސަލައިގައި ފ. ނިލަންދޫ, ފިނިފެންމާގެ, ޢަލީ ސާހިލްގެ މައްޗަށް އަންނަނިވި ދަޢުވާތައް ކުރުމަށް 28 ޑިސެންބަރު 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ.
1. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ.
2. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ ދަށުން އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާ.
3. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 115 ވަނަ މާއްދާގެ ދަށުން ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.
އަދި އިތުރު 2 ދަޢުވާއާއެކު ޖުމްލަ 5 ދަޢުވާ ކޮށްފައިވާނެއެވެ. މި މައްސަލައިގެ ބައެއް ދަޢުވާތަކުގެ ތަފްޞީލު ޢާންމުކޮށްފައިނުވަނީ މަރުވި މީހާގެ އާއިލާގެ މަސްލަޙަތާއި, އިޙްސާސްތަކަށް އިޙްތިރާމް ކުރުމުގެ ގޮތުންނެވެ.
މައްސަލަ ކޯޓަށް ހުށަހެޅުނު ފަހުން މިހާތަނަށް 4 އަޑުއެހުމެއް ބޭއްވިފައިވެއެވެ. އަޑުއެހުންތަކުގެ ޚުލާޞާ ތިރީގައި އެވަނީއެވެ.
22 ޖަނަވަރީ 2023
މި ދުވަހުގެ އަޑުއެހުމުގައި, ދަޢުވާލިބޭ ފަރާތަށް ލިބޭ ޙައްޤުތައް ޝަރީޢަތުން ސާފުކޮށްދެއްވިއެވެ. އަދި ދަޢުވާލިބޭ ފަރާތުން ދައުލަތުގެ ވަކީލަކު ޢައްޔަންކުރުމުގެ ފުރުޞަތަށް އެދުމުން އެ ފުރުޞަތު ދެއްވިއެވެ.
29 މާރިޗު 2023
މި ދުވަހުގެ އަޑުއެހުމާ ހަމައަށް އެޓާރނީ ޖެނެރަލްގެ އޮފީހުގެ ލީގަލް އެއިޑްގެ ދަށުން ޢަލީ ސާހިލަށް ވަކީލަކު އައްޔަންކޮށްދެއްވާފައިވެއެވެ. އެހެންކަމުން ދެން އަޑުއެހުންތައް ކުރިއަށްގެންދެވިފައިވަނީ ދިފާޢީ ވަކީލަކާއެކުއެވެ. މި އަޑުއެހުމުގައި ޢަލީ ސާހިލްގެ މައްޗަށް ކޮށްފައިވާ 5 ދަޢުވާގެ ތެރެއިން އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާއާއި, ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި, އިތުރު ދަޢުވާއެއް އޭނާއަށް ސާފުކޮށްދެވުނެވެ.
25 މޭ 2023
މި ދުވަހުގެ އަޑުއެހުމުގައި, މައްސަލައިގެ ލިޔުންތައް ދިރާސާކުރުމަށް އިތުރު ފުރުޞަތަކަށް ޢަލީ ސާހިލްގެ ފަރާތުން އެދިފައިވެއެވެ. އަދި މައްސަލައިގެ ލިޔުންތަކާ ގުޅިގެން މަޝްވަރާކުރެވުނެއެވެ.
10 އޮގަސްޓް 2023
3 މަހުގެ މެދުކެނޑުމަކަށްފަހު މައްސަލައިގެ އަޑުއެހުމެއް ބޭއްވުނެވެ. އަޑުއެހުމެއް ނުބޭއްވި ލަސްވެފައިވަނީ ކްރިމިނަލް ކޯޓުގެ އިމާރާތް ބައުވެ ބޭނުން ނުކުރެވޭ ގޮތް ވުމުގެ ސަބަބުން ކޯޓުގައި ޖާގައިގެ ދަތިކަން ވަރަށްބޮޑަށް ދިމާވެފައިވާތީކަމަށް މައްސަލަ ބައްލަވާ ޤާޟީ ވިދާޅުވެފައިވެއެވެ.
ޢަލީ ސާހިލަށް ދައުލަތުން އައްޔަންކޮށްދެއްވި ދިފާޢީ ވަކީލު މައްސަލައިން ތަނާޒުލުވެފައިވާތީ, ވަކީލަކު އައްޔަންކުރުމަށް އިތުރު ވަގުތު ދެއްވައި މި ދުވަހުގެ އަޑުއެހުން ނިންމަވާލެއްވީއެވެ.
މައްސަލައިގެ އިތުރު އަޑުއެހުމެއް 03 ސެޕްޓެންބަރު 2023 އަށް ތާވަލުކުރަށްވާފައިވެއެވެ.