-
18 އޮގަސްޓް 2023
މޭރީ ގްރޭސް އޮނޮޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ލިޔުންތައް ވަކީލުންނާ ޙަވާލުކުރެވިފައިވާކަމަށް ފަނޑިޔާރު ނިންމެވުން
އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގައި މަސައްކަތްކުރަމުންދިޔަ ފިލިޕިންސްގެ ރައްޔިތެއްކަމުގައިވާ މޭރީ ގްރޭސް އޮނޮޑް ޕިނެޑާ، 19 އޮކްޓޫބަރު 2021 ދުވަހު މަރާލިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދަޢުވާ ލިބޭ، ހަލީމަތު ލަމްހާ ޢަބްދުއްރަޙްމާން އާއި މާރވިން އެސް.ވައި ވަރގަސްގެ މައްޗަށް ހުށަހެޅި ދަޢުވާތަކާ ގުޅިގެން ހެކިބަސް ނެގުމުގެ އަޑުއެހުމެއް 15 އޮގަސްޓް 2023 ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލުކުރެވުނެވެ. މި އަޑުއެހުމުގައި ދައުލަތުން ކުޅަ ދަޢުވާއަށް ބަދަލު ގެނެސްފައިވާކަން އެއްވެސް މިންވަރަކަށް ދަޢުވާ ލިބޭ ފަރާތްތަކަށް އަންގާފައިނުވާކަމަށް ބުނެ، ދިފާޢީ ވަކީލުން ހެކިބަސް ނެގުމަށް އިއުތިރާޒްކޮށްފައިވެއެވެ. މިކަން އެ ފަރާތްތަކުގެ ނޯޓިސްއަށް އައިސްފައިނުވާކަމަށާއި، ޝަރީޢަތުގެ މަޖިލީހުގައި މިކަމުގެ އެއްވެސް ވާހަކައެއް ދައްކާފައިނުވާތީ، އެކަމުގެ ކަންބޮޑުވުން ހާމަކޮށް، މި ފަދަ ބޭއިންސާފުވެރި ގޮތަކަށް ދައުލަތުން އަމަލު ކުޅަ ކަމުގެ މައްޗަށް ވާހަކަ ދައްކާފައިވެއެވެ. އެއާއެކު، މައްސަލާގައި ހެކިބަސް ނެގުން ފަސްކޮށް، މިކަން ވެފައިވާގޮތަށް ސާފުކުރުމަށް ޝަރީޢަތުން ނިންމެވިއެވެ. އެމައްސަލައިގެ ޓައިމްލައިން ތިރީގައި މިދަންނަވަނީއެވެ.
4 ޖަނަވަރީ 2022 - ހަލީމަތު ލަމްހާ ޢަބްދުއްރަޙްމާން އާއި މާރވިން އެސް.ވައި ވަރގަސްގެ މައްޗަށް ދައުލަތުން ދަޢުވާކުރުން
19 ޖަނަވަރީ 2022 - ދަޢުވާ އިޞްލާޙުކޮށް، އިޞްލާޙު ކުރެވުނު ދަޢުވާ ފޯމާއި އިތުރު ލިޔުންތައް، ދައުވާލިބޭ މީހުންނާށް ފޯރުކޮށްދިނުމަށްޓަކައި ކޯޓަށް ފޮނުވުން. ކޯޓުން އެ ލިޔުންތައް އެމީހުންނަށް ދޫކޮށްފައިވޭ.
15 މާރިޗް 2022 - މައްސަލައިގެ އިބްތިދާއީ އަޑުއެހުން
މާރިޗު - ސެޕްޓެމްބަރ 2022 - އިބްތިދާއީ މަރްޙަލާގެ އަޑުއެހުންތައް ކުރިއަށް ގެންދެވުން
ސެޕްޓެމްބަރ 2022 - ޝަރީޢަތް ފަށައި، ހެކިބަސް ނެގުމުގެ އަޑުއެހުންތައް ކުރިއަށް ގެންދަން ފެށުން
16 އޮގަސްޓް 2023 - މިމައްސަލައިގައި ހިމެނޭ ލިޔުންތައް ދިފާޢީ ވަކީލުންނަށް ކޯޓުން ދޫކުރައްވާފައިވާކަމަށާއި، އެ ލިޔުންތަކާބެހޭ ގޮތުން މައްސަލައިގައި ހިމެނޭ ހުރިހާ ޚަޞްމުން ވާހަކަ ދައްކާފައިވާކަން، މަޙްޟަރު ބަޔާންތަކުން ފެންނަން އޮތްކަމަށް ފަނޑިޔާރު ވިދާޅުވުން.