• 31 ޖަނަވަރީ 2024

    ޕްރޮސިކިއުޓަރ ޖެނެރަލްއަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރުން

    މިއަދު ހެނދުނު، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމަށް ބަޔަކު ހަމަލާދީ ޒަޚަމްކޮށްލާފައިވެއެވެ.

    މިކަން ހިނގާފައިވަނީ މިއަދު ހެނދުނު ފަތިހުގެ ވަގުތެއްގައި މާލޭގެ މަގުމަތީގައެވެ. އެމަނިކުފާނަށް ހަމަލާދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު، ހަތިޔާރެއް ބޭނުންކޮށްގެންނެވެ.

    މި ހަމަލާއާ ގުޅިގެން އެމަނިކުފާނު ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ. އެމަނިކުފާނުގެ ޙާލު މިހާރު ރަނގަޅެވެ.

    މި ހަމަލާއާ ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރައްވާފައިވެއެވެ.

    ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަމާޒުކޮށް ބަޔަކު ދިން ހަމަލާ، މި އޮފީހުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

    ފުލުހުން ގެންދަވަނީ މި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ތަޙުޤީޤުކުރައްވަމުންނެވެ. މިއަދު ހެނދުނު، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޙާލު ބައްލަވައިލެއްވުމަށް އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފައެވެ.