• 17 ޖަނަވަރީ 2024

    ބަންދުން ދޫކޮށްލާނަމަ، ޝަރުޠާބެހޭގޮތުން ވާހަކަ ދައްކަން ފުރުޞަތު ދިނުމަށް އެދުން

    ޖިނާއީ މައްސަލައެއްގައި މީހަކު ބަންދުގައި ބަހައްޓަން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ (ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުން) ގައި ހުއްދަކޮށްފައި އޮތީ ފަސް ކަމެއް ފުރިހަމަވާނަމައެވެ. އެއީ، 

    1. އެ މީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއް ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެކަމަށްޓަކައި؛ ނުވަތަ

    2. ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށްޓަކައި، ނުވަތަ

    3. ކޯޓަށް ހާޒިރުނުވެދާނެކަމަށްޓަކައި؛ ނުވަތަ

    4. ފިލައިފާނެ ކަމަށްޓަކައި؛ ނުވަތަ

    5. ބަންދުން ދޫކޮށްލައިފިނަމަ، މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި، މިއެވެ.  

    ޖިނާއީ މައްސަލައެއްިގައި ބަންދުކޮށްފައި ހުރި މީހަކު، މަތީގައި އޮތް ކަންކަމަށް ބަލައި، ޝަރުޠުކޮށްފައި ބަންދުން ދޫކުރެވިދާނެކަމަށްވެސް އެމާއްދާގައި އޮވެއެވެ. އެވާހަކަ ތަފްޞީލުކޮށްދީފައި އޮތީ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައެވެ. އެޤާނޫނުގެ 66 ވަނަ މާއްދާ (ކޯޓުން ކަނޑައަޅާ އިތުރު ޝަރުޠަކާއެކު ބަންދުން ދޫކުރުން) ގައި،  ބަންދުގައި ހުރި މީހާ ދޫކޮށްލާފައި ހުންނައިރު އޭނާ އިތުރު ކުށެއް ނުކުރާނެ ކަމަށާއި، ތަޙްޤީޤު މަރުޙަލާގައި ޤާނޫނު ތަންފީޛުކުރާ އިދާރާއިން ހާޒިރުވާން އަންގާ ތަންތަނަށް އޭނާ ހާޒިރުވާނެ ކަމަށާއި، ޝަރީޢަތުގެ މަރުޙަލާގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް އޭނާ ހާޒިރުވާނެ ކަމަށާއި، ކޯޓުން އިތުރު ޝަރުޠުތަކެއް ކަނޑައަޅާނަމަ އެ ޝަރުޠުތައްވެސް ޤަބޫލުކުރާކަމަށް ބަންދުގައި ހުރި މީހާ އިޤްރާރުވެ ސޮއިކުރުމުން، އޭނާ ބަންދުން ދޫކޮށްލުމަށް ފަނޑިޔާރަށް އަމުރު ނެރެވިދާނެކަމަށް އޮވެއެވެ.

    އެހެންކަމުން، ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލުމަށް ނިންމަވާ ޙާލަތުގައި، މައްސަލައިގެ ވަށައިގެން ހުންނަ ކަންކަމާއި، ތުހުމަތުކުރެވޭ މީހާގެ ޙާލަތަށް ރިޢާޔަތްކޮށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަކި ޚާއްސަ ޝަރުޠެއް ހިމެނުމަށް އެދޭނަމަ، އެކަންކަން ހިމެނުމަށް އެ އަޑުއެހުމުގައި ވާހަކަ ދެއްކުމުގެ ފުރުޞަތަކީ ޤާނޫނުން ފުލުހުންނަށް  ލިބޭންޖެހޭ ފުރުޞަތެވެ. މިހާރުވެސް ބައެއް ކޯޓުތަކުން އެފުރުޞަތު ދެއްވައެވެ. ނަމަވެސް، ބައެއް ކޯޓުތަކުގައި އެފުރުޞަތު ފުލުހުންނަށް ނުލިބޭ ކަމުގެ ޝަކުވާލިބޭތީ، ޤާނޫނުން ލިބޭ ފުރުޞަތު، ހުރިހާ ކޯޓެއްގައި އެއްގޮތަކަށް، ފުލުހުންނަށް ލިބުމަކީ، މިނިޒާމު އެކަށީގެންވާ ގޮތުގައި ހިންގުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއޮފީހުން ދެކެމެވެ. އޭރުން، އެކި ކުށުގެ ތުހުމަތުގައި ހުރެފައި، އެކި ސަބަބުތަކާހުރެ، އެކި ގޮތްގޮތަށް މުޖްތަމަޢަށް ދޫވާ މީހުންނަކީ މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ވަކި ގޮތަކަށް ބެލެހެއްޓޭ ބައެއްކަން ފުލުހުންނަށްވެސް ކަށަވަރު ކުރެއްވޭނެއެވެ.