• 22 އޮކްޓޫބަރު 2023

    ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފައިސާގެ މައްސަލައެއް ތަހްޤީޤުކުރަން އަމުރުކުރުން

    ދިވެހިރާއްޖެއަކީ، ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ޤައުމަކަށްވެފައި، އެ އިދާރާތަކުގެ އިތުބާރާއި ޔަޤީންކަން ދިވެހިރާއްޖޭގެ ދައުލަތުގެ މުއައްސަސާތަކަށް އަބަދުމެ ލިބިފައި އޮތުމާއި، އެ ކަންކަން އެ މަގަށް ހިނގުމަށްޓަކައި، ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި، އިންޞާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ޤައުމީ މަޞްލަޙަތާ ސީދާގޮތުން ގުޅުން ހުރި ކަމަކަށްވާތީ، ދިވެހިރާއްޖެއާ މުޢާމަލާތްކުރާ ބައިނަލްއަޤްވާމީ އިދާރާތަކުން، ވަކި ހަމަތަކާއި އުޞޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ، އެ ކަމަށް ދިވެހިރާއްޖޭގައި ހެދިފައިވާ އުޞޫލުތަކާއި ޤާނޫނުތަކާ ޚިލާފަށް، ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް ފަހިވާގޮތަށް ބޭނުންކުރެވޭކަމުގެ ތުހުމަތެއް އޮތުމަކީ ޕްރޮސިކިއުޓަރ ޖެނެރަލް ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ.

     

    އެހެންކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މައްދާގެ (ޅ) އާއި ޤާނޫނު ނަންބަރު: 9/2008 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިންގާއި، ވައްކަމާއި، ޚިޔާނާތާއި، މަކަރާ ޙީލަތުގެ ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާނަމަ، އެ ކަމެއް ތަޙުޤީޤުކޮށްދެއްވައި، އެ މައްސަލައިގައި ދަޢުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދަޢުވާ ކުރުމަށް މި އޮފީހަށް ފޮނުއްވުމަށް އަމުރު ކޮށްފައިވެއެވެ.